ހުރިހާ ކަމަކަށްވުރެ އިސްކުރަންވީ ގައުމު ކަމަށާއި އެއިރުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓްގެ އާ ޓާމިނަލް ފަދަ އެތައް ތަރައްގީއެއް ހާސިލު ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މިފަދަ ވަގުތެއްގައި އަޒުން ކަނޑައަޅަންވީ ގައުމު އިސްކުރުމަށް ކަމާށާއި މިފަދަ ކޮންމެ ވަގުތެއްގައި ގަބޫލު ކުރަންވީ ނުވަތަ ހަނދާނަށް ގެންނަންވީ އަޅުގަނޑުމެންނަކީ އެއް ބައެއްކަން ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ ހުރިހާ ކަމަކަށް ވުރެ އިސްކުރަންވީ ގައުމު، އަޅުގަނޑުމެންގެ އަމިއްލަ މަސްލަހަތާއި އަޅުގަނޑުމެންގެ ޒާތީތައައްޒުބާއި އަޅުގަނޑުމެންގެ ހުރި ކޮންމެ ކަމަކަށްވުރެ ވެސް އިސްވާންވީ ދިވެހި ގައުމު. ދިވެހި ގައުމު އިސްކޮށް އެންމެން އެކަތިގަނޑަކަށްވެ މި ގައުމު ކުރިއެރުވުމުގައި މިގައުމަށް ހެވާއި ލާބަ ހޯދައިދިނުމުގައި އަޅުގަނޑުމެން ކިޔަންވީ އެކައްޗެއް. އެއް ލަވައެއް. އެއް ބަހަކުން އެއް ރާގެއްގައި އެއް ވާނެއްގައި ވާހަކަ ދައްކަންވީ. އޭރުން އަޅުގަނޑުމެންނަށް މި ގައުމަށް ހެޔޮ ކަންތައް ކޮށްދެވޭނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް މިގައުމު އުފާ ފާގަތިކަމުގައި ވާސިލްކޮށްދެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށާއި އެއީ ކޮންމެ މީހެއްގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް އަދި މަސްއޫލިއްޔަތެއް ކަމަށެވެ.

"އަޅުގަނޑުމެން އެކަކަށް ވެސް ރެކިގެން ދުރަށް ނުދެވޭނެ ހަގީގަތެއް އެއީ. އެހެންވީމަ މިއަދު އަޅުގަނޑުމެން އެންމެ އަޒުން ކަނޑައަޅަންވީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ހުރި ކޮންމެ ކަމަކަށްވުރެ އިސްކުރަންވީ ދިވެހި ގައުމުކަން އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށް ދިއުމުގައި އަޒުމް ކަނޑައަޅަންވީ. އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގޮސްފިއްޔާ މިފަދަ އެތައް ތަރައްގީގެ ކަންކަމެއް ހާސިލްވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކުގައި މަސައްކަތް ކޮށްފިނަމަ، ބިނާތަކާއި މާނަވީ ގޮތެއްގައި ގައުމު ތަރައްގީވާނެ ކަމަށާއި ސިކުނޑިތައް ތަރައްގީވެގެންދާނެ ކަމަށެވެ. އަދި ވަށާޖެހޭ ތަރައްގީ ދާދި ފަސޭހައިން ހާސިލްވާނެ ކަމަށާއި ސިކުނޑީގެ ތަރައްގީ އާއި އުމްރާނީ ތަރައްގީ އެކު އެކީގައި ހާސިލްވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.