ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ 70 ޕަސެންޓް މަސައްކަތް ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ކަމަށް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

އާ ޓާމިނަލް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މި ވައިގެ ބަނދަރުގެ އަގު ހިތަށް ގެނެވޭ ވަރަށް ވުރެ މާ ބަރު ކަމަށާއި އެއް ޖީލުން އަނެއް ޖީލަށް އެ ބަނދަރު ގެނެސްދިނީ ގައުމު ބިނާކުރުމުގެ ދޮރާއްޓެއްގެ ގޮތުގައި ކަމަށެވެ. އަދި ޒަމާނާ އެކުވެ ދިވެހިން ބޭނުންވީ ބޭރުގެ ކަރަތަކާ ފައިހަމަކޮށްލެވޭ ގޮތެއްގައި ދެމިތިބެން ކަމަށެވެ.

"އާދެ އަޅުގަނޑުމެންގެ މާލިމީ ބަދަލުވެ ހުއްރިއްޔަތުގެ ދަންމަރު މިހާރު އުފުއްލަވަމުން އެ ގެންދަވަނީ ކުޅަދާނަ އަތަކުން. އެ މާލިމީގެ ބުއްދިން އެ މާލިމީ ދުށީ ދިވެހިންގެ ވައިގެ ބަނދަރު ބޮޑުވެ، ބިޔަވެ ހިދުމަތުން ފުޅާވެގެން ދާ މަންޒަރު،" ޝަރީފް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ނިމިފައި ހުރީ ޓާމިނަލުގެ 30 ޕަސެންޓް ކަމަށެވެ. އަދި މަސައްކަތްތައް "ތާށިވެފައި" ވަނިކޮށް ރައީސް ވެރިކަމަށް ވަޑައިގެން އެންމެ ދޮޅު އަހަރުން މަންޒަރު ބަދަލުކޮށްލައިފި ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ވަޒީރުކަމުގައި ކުރައްސަވާލެއްވި ތަސްވީރާ އަސްލު ގުޅުވާލެއްވީ މާ ފަރިތަކޮށް." ޝަރީފް ވިދާޅުވިއެވެ.

ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޝަރީފް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުއިއްޒު އެންމެ ފުރަތަމަ ވެސް ވަޑައިގަތީ އެއާޕޯޓަށް ކަމަށެވެ.

"ބައްޕައަކު ދަރިފުޅަށްދޭ މިންވަރަށް އިރުޝާދާއި ނަސޭހަތް މިކަމުގައި ދެއްވަމުން މިގައުމުގެ ވަލިއްޔުލްއަމްރު ވިދާޅުވަމުން ގެންދެވި މިވައިގެ ބަނދަރު ނިންމައި ހިދުމަތަށް ނެރެ ދިވެހިން އުފާކޮށްދޭން ތިމަން މަނިކުފާނު ހާދަ ބޭނުންވެޔޭ،"

އެމްއޭސީއެލް ހިންގުމާ ޝަރީފް ހަވާލުވެވަޑައިގެންނެވި އިރު ހުރީ ހިޔާކޮށްފައި ހުރި ފާރުތަކެއް ކަމަށާއި ޓާމިނަލަށް ކަރަންޓު ދޭނެ ގޮތެއް ނެތް އަދި ކަރަންޓު ވިއުގައެއް ވެސް ނެތް ކަމަށެވެ. ނަރުދަމާގެ ނިޒާމެއް އަދި ފެން ހިންދާނެ ގޮތަކާއި ޓާމިނަލާ ގުޅޭ މުހިއްމު މަގެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރުން ފައިސާ ލިބުން އޮތީ އިންތިހާއަށް ދަތިވެފައި. ނަމަވެސް މި މާސިންގާ ގޮންޖެހުން ބޮޑު މަސައްކަތްތައް ކޮނޑުއަޅައިގެން އަޅުގަނޑުގެ އަތުގައި ހިއްޕަވައިގެން ވަޑައިގެންނެވީ މާ ކުޅަދާނަ ފަހުލަވާނެއް، ދާންވީ މަގު ކޮށްޓަވައިދެއްވާ ތިރީހަކަށް އިންސައްތަ ނިމިފައި އޮތް މި މަސައްކަތް އެންމެ ދޮޅު އަހަރުން 70 ޕަސެންޓް ނިންމައި ކާމިޔާބުގެ މަންޒިލަށް ވަޑައިގެންނެވީ ރައީސް ޑރ މުހައްމަދު މުއިއްޒު،" ޝަރީފް ވިދާޅުވިއެވެ.

ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތް ކުރި އާ ޓާމިނަލާއެކު އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.