ރާއްޖޭގެ މިނިވަންކަން ހިމާޔަތްކޮށް، އެ މިނިވަންކަން ދިފާއުކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އެންމެ މަތިވެރި ޒިންމާ އަދާކުރަންޖެހޭ ބަޔަކީ ފުލުހުންނާއި ސިފައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ދިވެހި ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަކީ މިނިވަންކަމުގައި ފަހުރުވެރި، ދިގު މާޒީއެއް އޮތް ގައުމެއް ކަމަށެވެ. އަދި އެ މިނިވަންކަން ދިފާއުކުރުމުގައި ގައުމީ ސަލާމަތީ ބާރުތަކުން އެކި ފަހަރުމަތިން އެކި ސިފައިގައި ކުރި މަސައްކަތްތަކުގެ ހިއްސާ ވަރަށް ބޮޑު ކަމަށް ވެސް ވިދާޅުވިއެވެ.

"ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި، އެއީ ކާރިސާއެއް ދިމާވިޔަސް، ކަރަންޓް ކެނޑުނަސް، މާ ބޯކޮށް ވާރެ ވެހުނަސް، އެހެންކަމެއް ދިމާވިޔަސް އެންމެ ފުރަތަމަ ސަފަށް ނުކުންނަނީ ތި ބޭފުޅުން، އުފަލާ އެކީގަ، ފަހުރުވެރިކަމާއެކީގައި، ލޯތްބާއި ކުލުނާއެކީގައި، ނުކުގެ ވަޑައިގެން ރައްޔިތުންނަށް ތިކުރައްވަނީ އަގުހުރި ހިދުމަތްތަކެއް، ތިބޭފުޅުން ތިވަނީ މަތިވެރި ގުރުބާނީއެއް ކޮންމެ ދުވަހަކު،"

އެހެންކަމުން ސަރުކާރުގެ އެންމެ އިސް އެއް ވާޖިބަކީ ސިފައިންނާއި ފުލުހުންގެ މުއައްސަސާ ކުރިއެރުވުމަށްޓަކައި، އެ ދެ މުއައްސަސާގެ ހިދުމަތްތެރިންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް އިސްކަން ދިނުން ކަމަށްވެސް ވިދާޅުވިއެވެ.

"މި ސަރުކާރުގެ ސިޔާސަތަކީ އެއީ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑު މަސައްކަތް ކުރަމުންދަނީ އެ ގޮތުގައި، އެއީ އަޅުގަނޑަށް ލިބޭ ފަހުރެއްގެ ގޮތުގައި އަޅުގަނޑު ދެކެން، އަދި އަޅުގަނޑުގެ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑު ދެކެން،"

ރައީސް ވިދާޅުވީ، ދިވެހި ސިފައިންނާއި ފުލުހުންނަށް ކޮށްދޭ ކޮންމެ ކަމަކީ ގައުމަށާއި ދިވެހި ކޮންމެ ރައްޔިތަކަށް ކޮށްދެވޭ ކަމެއް ކަމަށެވެ.

އަދި ސިފައިންނާއި ފުލުހުންނަށް ތަމްރީނާއި އިތުރު ފުރުސަތުތައް ހޯއްދަވައިދެއްވުމުގައި ކުރިއަށް އޮތްތަނުގައި ވެސް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.