ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ އެއް މިސާލަކީ އިންޑިއާގެ "މަސާލާ" އާއި ދިވެހި "މަސްހުނި"ގެ މިސާލު ކަމަށާއި އެއީ ތަފާތު ދެ އެއްޗަކަށް ވިޔަސް ވަރަށް ފުރިހަމަ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ޝަރަފުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ރޭ ދެއްވި ފުރަމާނަ ޖާފަތުގައި، ބޮޑުވަޒީރު މޯދީ ހިންދީ ބަހުން ވާހަކަފުޅުދެއްވި އިރު، މަދު ބަސްތަކެއް ދިވެހި ބަހުން ވެސް ބޭނުންކުރެއްވިއެވެ.
މޯދީ ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ވަރަށް ވެސް ގާތް ގުޅުމެއް ކަމަށާއި އެގޮތުން ދެ ގައުމުގެ ސަގާފަތާއި ބޭނުންކުރާ ބައެއް ބަސްތަކުގައި ވެސް އެއްގޮތްކަން ހުންނަ ކަމަށެވެ. ދެ ގައުމުގެ ހާރިޖީ ގުޅުން ވެސް ބިނާވެފައިވަނީ ގާތްކަމުގެ މައްޗަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ މަސާލާ އާއި މަސްހުނި ކަހަލަ އެއްޗެއް. ތަފާތު ދެ އެއްޗެއް ނަމަވެސް، ވަރަށް ފުރިހަމަ. ޒަމާނުއްސުރެ އުފެދިފައިވާ އޮތް ގާތް ގުޅުން އަދިވެސް އެ މިންވަރުގައި އެބައޮތް،" އެ މަނިކުފާނު ވިދާޅުވިއެވެ.
މޯދީ ވިދާޅުވީ ރާއްޖޭގެ މިނިވަންދުވަހުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގަތުމުގެ ދައުވަތު ލިބިވަޑައިގެންނެވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އެކަމަށްޓަކައި ރައީސް މުއިއްޒަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.
"ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ވަރަށް ޒަމާންވީ ގުޅުމެއް. ރާއްޖެއަކީ އެކުގައި މަސައްކަތްކުރާ ގާތް އެކުވެރިއެއް. މިއީ ހަގީގީ ގުޅުމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.
މޯދީގެ މި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ގެންދަވަނީ ދިވެހި ބަހުން ބައެއް ޓުވީޓުތައްވެސް ކުރައްވަމުންނެވެ.
މޯދީ އިއްޔެ ހެނދުނު ރާއްޖެ ވަޑައިގެންނެވީ ރައީސް މުއިއްޒުގެ ދައުވަތަކަށެވެ. މޯދީގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު މުހިންމު 8 އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.
މޯދީގެ މި ދަތުރުފުޅަކީ ރައީސް މުއިއްޒު ވެރިކަމުގައި ރާއްޖެއަށް ބޭރު ގައުމެއްގެ ވެރިޔަކު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ