އިންޑިއާއިން ރާއްޖެއަށް ދެ ޕޯޓަބަލް ހޮސްޕިޓަލް ހަދިޔާކޮށްފިއެވެ.

އެ ދެ ޕޯޓަބަލް ހޮސްޕިޓަލް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސަލްޓަން ޕާކުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިންޑިއާ ސަރުކާރުގެ ފަރާތުން އެ ދެ ޕޯޓަބަލް ހޮސްޕިޓަލް ރާއްޖެއަށް ހަދިޔާކުރެއްވީ މޯދީއެވެ. ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ހެލްތު މިނިސްޓްރީން މިރޭ ބުނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރީ އާރޮގްޔާ މައިތުރީ ހެލްތު ކިއުބް ކަމަށެވެ. ހެލްތު މިނިސްޓްރީން ބުނީ އަރޯގްޔާ މައިތިރީ ހެލްތު ކިއުބްއަކީ ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ދުނިޔޭގައި ތަރައްގީކުރި މީގެ ފުރަތަމަ ކިއުބް ކަމަށެވެ.

"މި ހެލްތު ކިއުބްގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓާ، ޕަވާ ޖަނަރޭޓާ، ލޭގެ ޓެސްޓްތައް ހެދޭނެ ސާމާނާއި، އެކްސްރޭ މެޝިންފަދަ އާލާތްތައް ހިމެނެއެވެ. ބޮޑެތި ހާދިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާގެ ހިދުމަތް އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި މެޑިކަލް ކިއުބަކީ މެދުނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭ އަދި 200 މީހުންނަށް ފަރުވާދެވޭނެ ގާބިލުކަން ހުރި ޕޯޓަބަލް ކިއުބެކެވެ." ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ ކިއުބްގެ ސެޓްއަޕް ރާވާލުމަށާއި، ފަރުވާގެ ކަންކަން ފެށުމަށް ނަގާނީ 12 މިނިޓުކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ކިއުބްގައި އެކި ހާލަތްތަކުގައި ބޭނުންކުރާނެ ކިޓްތަކާއި ބޭހުގެ އިތުރުން ހާލަތަށް ރިއާޔަތްކޮށް ހަދަންޖެހޭ ސެޓްއަޕް ހެދުމަށް ބޭނުންވާ ސާމާނު ހިމެނޭނެ ކަމަށާއި އެ ކިއުބް ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ "ބީޝްމް އެޕް" މެދުވެރިކޮށް މިނީ ކިއުބްތަކުގެ މައުލޫމާތު ލިބި، އޭގައި ހިމެނޭ ސާމާނު ޓްރެކް ކުރެވޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އެ ދެ ޕޯޓަބަލް ކިއުބް ހިންގުމުގައި ހަރަކާތްތެރިވާނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ކަމަށެވެ. އިންޑިއާ ސަރުކާރުންވަނީ، އީއެމްއެސްއަށް އަރޯގްޔާ މައިތިރީ ހެލްތު ކިއުބްއާ ގުޅޭ ޓްރޭނިން ޕްރޮގްރާމެއް ވެސް ބާއްވައިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

"22 ޖުލައިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ޓްރޭނިން ޕްރޮގްރާމް ނަންގަވައިދެއްވީ އިންޑިޔާގެ ޑޮކްޓަރުންނާއި ޕެރަމެޑިކް އޮފިސަރުންގެ ޓީމަކުންނެވެ." ހެލްތު މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ފަރާތުން އެ ޓްރޭނިން ޕްރޮގްރާމުގައި 20 މީހުން ބައިވެރިވި ކަމަށާއި އޭގެތެރޭގައި ޑޮކްޓަރުންނާއި، އެމަޖެންސީ މެޑިކަލް ޓެކްނީޝަނުންނާއި، ބަޔޯމެޑިކަލް މީހުންނާއި ނަރުހުން ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.