ރާއްޖެއާއި އިންޑިއާއާ ދެމެދު ފަސޭހަ އަދި ރައްކާތެރި ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެމްއެމްއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އާއި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅުވާލެވިގެންދާނެއެވެ. މިއާއެކު ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ފަސޭހަކާމާއެކު ފައިސާ ފޮނުވައި ލިބިގަތުމުގެ ހިދުމަތް ގާއިމުވެ، ރައްކާތެރިކަމާއެކު ހެޔޮ އަގުގައި ޕޭމަންޓް މުއާމަލާތްތައް ވަގުތުން ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެއެވެ." އެމްއެމްއޭއިން ބުންޏެވެ.

އެ މަސައްކަތަކީ ކުރިޔަށް އޮތް ތިން އަހަރަށް އެމްއެމްއޭއިން އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، ބައިނަލްއަގުވާމީ ނެޓްވޯކްތަކާ ގުޅާލައި ރާއްޖެއިން ބޭރަށް ފައިސާގެ މުއާމަލާތް ކުރެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން ކުރާކަމެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އޭގެ މަގުސަދަކީ ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބައިނަލްއަގުވާމީ މުއާމަލާތްތައް ކުރެވޭނެ މަގުފަހިކޮށް، މާލީ ބައިވެރިވުން އިތުރުކޮށް، ހަމަހަމަ ގޮތެއްގައި މާލީ ހިދުމަތްތައް ރައްޔިތުންނަށް ލިބޭކަން ކަށަވަރުކުރުންކަމަށް އެމްއެމްއޭއިން ބުންޏެވެ.

"މިކަމުގެ ސަބަބުން އިގުތިސާދީ ބައިވެރިވުން އިތުރުވެ ކުރިއަރައިގެންދާނެއެވެ." އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ އެ ހިދުމަތްތައް ތައާރަފުކުރުމަށް ރާވާފައިވަނީ ދެމަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ރާއްޖެއާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު، 2026 ވަނަ އަހަރުގެ ކުރީކޮޅު ހަމަޖެހިގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ދެވަނަ މަރުހަލާގައި، ފަރުދުން ކުރާ ވިޔަފާރި މުއާމަލާތްތަކުގައި (މާޗަންޓް ޕޭމަންޓްސް) ފަސޭހަކަމާއެކު ކިއުއާރު ކޯޑް މެދުވެރިކޮށް ޕޭމަންޓްސް ހެދޭނެ މަގުފަހި ވެގެންދާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.

"މި ހިދުމަތްތައް ތައާރަފުކުރުމަށް ރޭވިފައިވަނީ ދެގައުމުގެ ދޭތެރޭ ކުރެވޭ ފައިސާގެ މުއާމަލާތްތަކުގައި އެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރުމަށް މަގުފަހިވެގެންދާނެގޮތަށެވެ،" އެމްއެމްއޭއިން ބުންޏެވެ.

އެންއައިޕީއެލްއިން ވަނީ ސިންގަޕޫރު، ސްރީ ލަންކާ، އަދި ނޭޕާލް ފަދަ ގައުމުތަކުގައި ވެސް ޔޫޕީއައި މެދުވެރިކޮށް އެފަދަ ޕޭމަންޓް ހިދުމަތްތައް ތައާރަފުކޮށްފައި ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށް ކުރާ މަސައްކަތްތަކުގެ ދުވެލި އިތުރަށް ހަލުވިކޮށް ކުރިއަށްގެންދިޔުމުގެ މަގުސަދުގައި "ޕޭމަންޓް މޯލްޑިވްސް" ގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ފަށައި، އެކަން ތަންފީޒުކުރުމަށް ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެމްއޭއިން ބުންޏެވެ.

"މި ކުންފުނި ވެގެންދާނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކޮށް، މި މަސައްކަތް ވިލަރެސްކުރާ ފަރާތަށެވެ. ގައުމީ ޕޭމަންޓް ސިސްޓަމް ވަކި ކުންފުންޏެއްގެ ދަށުން ޒަމާނާއި އެއްގޮތަށް ތަރައްގީކުރުމުގެ މި މޮޑެލްއަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި (ކެނެޑާ، ޖޯޑަން، އިންޑިއާ، ތައިލޭންޑް އަދި ސައުދީ އަރަބިޔާ) ކާމިޔާބުކަމާއެކު ތަންފީޒުކޮށްފައިވާ މޮޑެލްއެކެވެ." އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭގެ ޕޭމަންޓް ސިނާއަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ނެޝަނަލް ކިއުއާރު ކޯޑް ސްޓޭންޑަޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ސްޓޭންޑަޑް އެކުލަވާލުމުގެ މަގުސަދަކީ ބޭންކްތަކާއި ޕޭމަންޓް ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ބޭނުންކުރާ ކިއުއާރު ކޯޑުތަކަކީ އެއް ހަމައެއްގެ މައްޗަށް ހެދިފައިވާ އިންޓައޮޕަރަބަލް ކިއުއާރު ކޯޑު ތަކަކަކަށް ހެދުންކަމަށް އެމްއެމްއޭއިން ބުންޏެވެ.

އޭގެ ސަބަބުން ބޭނުންކުރަން ފަސޭހަ އީޖާދީ ހިދުމަތްތައް ތައާރަފުކުރުމަށް މަގުފަހިވެ، ފަވަރަ މެދުވެރިކޮށް ހަދާ ޕޭމަންޓްތައް އިތުރުކުރުމަށް މަގުފަހިވެ، ދެގައުމުގެ ދެމެދުގައި ކުރާ ބައިނަލްއަގުވާމީ މުއާމަލާތްތަށްވެސް ފަސޭހައިން ކުރެވެން ހުންނާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.