ރާއްޖެއަށް ކުރައްވާ ދަތުރުފުޅުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު މޯދީ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރުހަބާ ދަންނަވައިފައެވެ. މޯދީ ވަނީ ފުލައިޓުން ފައިބައިވަޑައިގެން ރައީސް މުއިއްޒާ ބައްދާލައްވައި ރާއްޖެއާއި އިންޑިއާއާ ދެެމެދު އޮތް ގާތް ގުޅުން ހާމަކޮށްދެއްވައިފައެވެ.

ރާއްޖެ ވަޑައިގެންނެވުމަށްފަހު ދިވެހި ބަހުން އެކްސްގައި މޯދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ވަޑައިގެންނެވިއްޖެ ކަމަށާއި މަރުހަބާ ދެންނެވުމަށް ރައީސް މުއިއްޒު އެއާޕޯޓަށް ވަޑައިގެންނެވުމުން ވަރަށް އުފާކުރައްވާ ކަމަށެވެ.

"އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ކުރިއަށްއޮތް ދުވަސްތަކުގައި އާ އުސްމިންތަކަކަށް އުފުލިގެންދާނެކަން އަޅުގަނޑަށް ޔަގީން،" އެ މަނިކުފާނު ވިދާޅުވިއެވެ.

މޯދީއަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބާއްވަނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

25 ޖުލައި 2025، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އޮފީހުން ބުނިގޮތުގައި މޯދީ ރާއްޖެއަށް ޒިޔާރަތްކުރައްވާނީ މި މަހުގެ 25 އިން 26 އަށް ކަމަށެވެ.

ރައީސް އޮފީހުން ބުނީ މޯދީގެ މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ، ދެ ގައުމާ ގުޅޭ މައްސަލަތަކާއި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރެއްވުމާއި އިތުރު މެމޮރަންޑަން އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ އާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރުމާ ދިމާވުމަކީ މި ދަތުރު އިތުރަށް ހާއްސަވާ ސަބަބެއް ކަމަށެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.