މިނިވަންދުވަހުގެ ހަރަކާތްތަކަށް ވަކި ވަގުތުތަކެއްގައި އެއްގަމު ވެހިކަލް ދުއްވުން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ މާދަމާއާއި ހޮނިހިރު ދުވަހާއި އަދި އާދިއްތަ ދުވަހު ގިނަ ހަރަކާތްތަކެއް ގްރޭޓާ މާލެ ސަރަހައްދުގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި އަދި ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް މާލޭގެ ބައެއް މަގުތަކުގައި އުޅަނދުތައް ދުއްވުން އެ ތިން ދުވަހުގެ ވަކި ވަގުތުތަކެއްގައި މަނާވާނެ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ހުރިހާ ބާވަތެއްގެ އުޅަނދު ދުއްވުން މަނާކޮށްފައިވީ ނަމަވެސް، ދެން ހިމެނޭ ދުވަސްތަކުގައި މަނާކޮށްފައިވަނީ ވަކި ކެޓަގަރީތަކެއްގެ އުޅަނދުތަކެވެ.

އެއްގަމު އުޅަނދުތައް ދުއްވުން މަނާ ދުވަސްތަކާއި ވަގުތުތައް:

  • 25 ޖުލައި: ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު، 13:00 އިން 18:00 އަށް.
  • 26 ޖުލައި: ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު، 15:00 އިން 18:30 އަށް.
  • 27 ޖުލައި: ބަރު އުޅަނދުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު، 18:00 އިން 00:00 އަށް.