އޭޝިއާގެ ޕްރީ ސީޒަން ޓުއާގެ ދަށުން، ޖަޕާނުގެ ޓޯކިޔޯގައި ވިސެލް ކޯބާއާ ދެކޮޅަށް ކުޅެން އޮތް އެކުވެރިކަމުގެ މެޗު ކެންސަލް ކޮށްފައިވާ ކަމަށް ބާސެލޯނާއިން ބުނެފިއެވެ.
ބާސާއިން ބުނީ ޖަޕާނުގައި އެކްލަބުގެ ޓުއާ ޕްރޮމޯޓް ކުރާ ފަރާތުން ވަރަށް ބޮޑަށް އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށާއި، އެ މައްސަލައިގައި ޓުއާ ކެންސަލް ކުރަން މަޖުބޫރުވީ ކަމަށެވެ. ބާސާއިން ޖަޕާނު ޓުއާ ފުރަތަމަ އިއުލާނު ކުރީ ޔަސޫދާ ގްރޫޕް ކިޔާ ޕީއާރް ކުންފުންޏެއްގެ އެހީގައެވެ. އެހެން ނަމަވެސް، މެޗު ކެންސަލް ކުރަމުން، ޕީއާރް ކުންފުންޏަކީ ކޮބައިކަން ބާސާއިން ހާމަ ކޮށްފައެއް ނުވެއެވެ.
ބާސާއިން ބުނީ މިހާރު އޮތް ގޮތުން ދެކުނު ކޮރެއާއަށް ދިޔުމަށް އޮތް ދަތުރު އަދި ކެންސަލް ނުވާ ކަމަށާއި، އެ ދަތުރުގެ ކަންކަމުގައިވެސް ޕްރޮމޯޓާއާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ކަމެއް ގޯސްކޮށް ހިނގާފައިވާ ނަމަ، ދަތުރު ކެންސަލް ކުރާނެ ކަމަށް ބާސާއިން ބުންޏެވެ.
ބާސާއިން ބުނީ ޖަޕާނު ދަތުރު ކެންސަލް ކުރަން ޖެހުމުން ސަޕޯޓަރުންނަށް ދިމާވާނެ ދަތިތަކަށް އެ ކްލަބުން މައާފަށް އެދޭ ކަމަށެވެ.
އެ މެޗު ނުކުޅެން ބާސާއިން ނިންމުމުން ޖަޕާނު ޖޭ1 ލީގުގެ ޗެމްޕިއަން ވިސެލް ކޯބުންވެސް ވަނީ ސަޕޯޓަރުންގެ ފަރާތުން މައާފަށް އެދިފައެވެ. އެ ކްލަބުން ބުނީ މައްސަލަ ޖެހުނީ ކިހާ ހިސާބަކުންތޯ ބަލައި، އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ