މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވަނީ އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް (65އ)ގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށްފަހު ރާއްޖެ ގެނެސްފިއެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާގެ ތްރިވަންތަޕޫރަމަަށް ފޮނުވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އަބްދުއްރަހުމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު މިއަދު މާލެ ގެނެސް، މިރޭ 7:50 ހާއިރު މޯޗަރީއަށް ލާފައިވާ ކަމަށެވެ. ނަމަވެސް އޮޓޮޕްސީ ރިޕޯޓުގައި ހިމެނޭ ތަފްސީލުތައް އަދި ފާހަގަވީ ކަންކަން ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

އަބްދުއްރަހުމާންގެ މަރަށް މިހާރު 11 ދުވަސް ވެފައިވާ އިރު، ފުލުހުން އަދިވެސް އެ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރެއެވެ.

އަބްދުއްރަހުމާނަށް ހަމާލާދީ އޭނާ މަރާލާފަައިވަނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމް ގެ ކަމަށްވާ މާހިޔާ ގޭގައި ނިދާފައި އޮއްވައެވެ.

މާޅޮސްއިން "ވަން" މައުލޫމާތު ދިން މީހަކު މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ ރަށަށް އަރައި ފައިބާ މީހުން މޮނިޓާ ކުރުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުން އަންނަ ކަމަށެވެ. މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ ރަށަށް އަރައިފޭބޭނީ ފުލުހުންގެ މޮނިޓަރިންގެ ދަށުންނެވެ. ރަށުގެ ބަނދަރު މަތީގައި އަދިވެސް ފުލުހަކު ބަހައްޓައިފައި ހުންނަކަމަށް އެ ރަށުން މައުލޫމާތު ދިން މީހާ ބުނެފައިވެއެވެ.

ފުލުހުންގެ މޮނިޓަރިންއިން ރަށް ދޫކޮށްލަން ހަމަޖެހިފައިވާ ދުވަހެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ ތުހުމަތުގަައި މީހަކު ހައްޔަރުކޮށްފައިނުވާކަން ފުލުހުންގެ މީޑިއާ އޮފިޝަލު އަދި ރަށުގެ ބައެއް މީހުން ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ނަމަވެސް މަރުގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތަކުގައި ފުލުހުންނަށް އެކަށީގެންވާ ކުރިއެރުމެއް ތަހުގީގަށް ނުހޯދި އަދި މީހަކު ހައްޔަރު ނުކުރެވުމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށް ރަށުން ވާހަކަ ދެއްކި މީހުން ބުނެފައިވެއެވެ.

ފުލުހުން މިހާތަނަށް އަބްދުއްރަހުމާންގެ މަރާ ގުޅިގެން ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ހިމެނެނީ އެ ރަށު އަތިރިމައްޗާއި ގޮނޑުދޮށް އަދި ރަށުގެ ފަޅުތެރެއިން ބައެއް ބަލައިފާސްކުރުމެވެ. އެއީ އަބްދުއްރަހުމާނަށް ހަމަލާދޭން ބޭނުންކުރި އެތި ނުވަތަ ތަކެތި ހޯދަން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މީގެ އިތުރުން ފުލުހުން ވަނީ ރަށުގައި ހުންނަ ދެ ސީސީޓީވީ ކެެމާރާއެއްގެ ފޫޓޭޖު ހޯދައިފައެވެ. މުޅި ރަށުގައި ހުންނަނީ އެންމެ ދެ ސީސީޓީވީ ކެމެރާ ކަމަށްވާ އިރު، ދެ ކެމެރާ ވެސް ހުންނަނީ އަބްދުއްރަހުމާން ދިރިއުޅޭގެއާ ވަރަށް ދުރުގައެވެ. އިތުރު މަސައްކަތަކަށް ފުލުހުން ކޮށްފައިވަނީ އަބްދުއްރަހުމާންގެ އަވަށްޓެރީންނާ ސުވާލުކުރުމެވެ.

ފުލުހުން ވަނީ އަބްދުއްރަހުމާނުގެ އާއިލާގެ މީހުންނާ ސުވާލުކޮށް، އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނު ހިފަހައްޓައިފައެވެ. ނަމަވެސް ނާޒިމާގެ ފޯނުން ޑޭޓާ ނެގުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފޯނު ވަނީ އަނބުރާ ހަވާލުކޮށްފައެވެ.

ފުލުހުން ވަނީ އަބްދުއްރަހުމާން ޒަހަމްވެފައި އޮއްވައި އެތަނުގެ ތެރެއަށް ވަދެއުޅުނު މީހުންގެ ބޮޑީ ސާމްޕަލް އާއި ފިންގާ ޕްރިންޓް ނަގައިފައެވެ. ޕޮލިސް ސްޓޭޝަނެއް ވެސް އަދި ޕޮލިސް ޕޯސްޓެއް ވެސް ނުހުންނަ މާޅޮހުގައި ފުލުހުން އެ ސާމްޕަލްތައް ނެގީ ރަށު ކައުންސިލް އިދާރާގާއެވެ.

ފުލުހުންގެ ތަހުގީގު ޓީމަކާއި ފޮރެންސިކުން އަދިވެސް އެ ރަށުގައި ގާއިމުވެ އެބަތިއްބެވެ. ނަމަވެސް މި މަރުގެ މައްސަލަ ރިޕޯޓުކުރި ދުވަހު މާޅޮސް ކައިރީ ރަށްރަށުން އަދި މާލެއިން ދިޔަ ބައެއް ފުލުހުން މިހާރުވަނީ ފުރައިފައެވެ. ފުލުހުންގެ އެކި ޑިޕާޓްމެންޓުތަކުގައި މަސައްކަތްކުރާ 30 ފުލުހުން މަރުގެ މައްސަލަ ރިޕޯޓުކުރި ދުވަސްވަރު މާޅޮހުގައި ހަރަކާތްތެރިވިއެވެ.

އަބްދުއްރަހުމާން ޒަހަމްތަކަކާއެކު ފެނުނު މީހަކު "ވަން" އަށް ބުނެފައިވަނީ ބޮލަށް އަނިޔާކޮށްފައި ހުރުމުގެ އިތުރުން އޭނާގެ ލޮލަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. ލޯމަތި ހުރީ ނޫފައިގެންފައިކަމަށް އޭނާ ބުންޏެވެ. އަބްދުއްރަހުމާންގެ ނިތްކުރި މަތީންނާއި ބޮލުގެ އަރިމަތީން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި ފުއްކިބައިންވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާކަމަށް "ވަން"އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.