އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދަތުރުފުޅާއެކު ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ "އޭއެންއައި"އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި ރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަނީ 'އިންޑިއާ ފަސްޓް' ޕޮލިސީ ކަމަށެވެ. އަދި އެކި ދާއިރާތަކަށް އިންޑިއާ އިން ދެމުން އަންނަ އެހީތެރިކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

"ގުޅުންތައް ވަރުގަދަ ނަމަ، އެންމެންނަށް ވެސް އޭގެ ފައިދާ ކުރާނެ. އަޅުގަނޑު ގަބޫލުކުރަނީ ބޮޑުވަޒީރުގެ ދަތުރުފުޅާއެކު އިންޑިއާ އިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އިންޑިއާގެ އެހީގައި ތަރައްގީކުރާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމުމުން، އިންޑިއާގެ ފަތުރުވެރިންނާއެކު ރާއްޖޭގެ ދެކުނު ފަތުރުވެރިކަން ވެސް ފުޅާވެގެންދާނެ ކަމަށާއި އެއީ ދެ ގައުމަށް ވެސް ފައިދާތަކެއް ކުރާނެ އެއާޕޯޓެއް ކަމަށެވެ. އަދި ނަޝީދު ވަނީ ރާއްޖޭގައި ބާނާ ކަނޑުމަސް، އިންޑިއާގެ ބާޒާރުތަކަށް ގެންދިއުމަށް ޓްރޭޑް އެގްރިމަންޓެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.

"އިންޑިއާގެ މާކެޓުގައި ރާއްޖޭގެ މަހަށް ބޮޑު ޑިމާންޑެއް އެބައޮތް. މިފަދަ ޓްރޭޑް އެގްރިމަންޓުތަކުގެ ސަބަބުން ވެސް ގުޅުން ބަދަހިވެގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. އެ ދަތުރުފުޅުގެ ތެރެއިން އިންޑިއާ އާއި ރާއްޖެއާ ދެމެދު މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.