އިގުތިސާދީ ހާލަތު ގޯސްވެ، ރާއްޖެ ބަނގުރޫޓުނުވެ ސަލާމަތްވީ އިންޑިއާގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން މިމަހުގެ 25 ގައި ރާއްޖެއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރައްވާ ދަތުރުފުޅުގެ ވާހަކައިގެ ތެރެއިން، އިންޑިއާގެ "އޭއެންއައި"އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވަނީ ރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދެމުން އަންނަ ދީލަތި އެހީއަށް ތައުރީފުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ.

"އިންޑިއާ ނެތް ނަމަ، ރާއްޖެ ބަނގުރޫޓުވީސް. ރާއްޖެއަށް އެންމެ ދަތި ދުވަސްވަރު އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭ. މާލީ ހާލަތު ދަށްވުމުން އެހީތެރިކަން ފޯރުކޮށްދީ، ދަރަނި ދެއްކުމަށް ވެސް އިންޑިއާއިން ލުއިތަކެއް ވަނީ ފޯރުކޮށްދީފައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ފައިސާގެ އެހީތެރިކަމަށްވުރެ ބޮޑަށް ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ އިގުތިސާދީ ގުޅުމަކީ މާބޮޑު ގުޅުމެއް ކަމަށާއި އެކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާ ކަމަށެވެ. އަދި ރާއްޖޭގެ ފޮރިން ޕޮލިސީއާ ގުޅޭގޮތުން ވެސް އެ މަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ.

"އަބަދުވެސް ރާއްޖެއިން ދަމަހައްޓަމުން ގެންދިޔައީ 'އިންޑިއާ ފަސްޓް' ޕޮލިސީ. ނަމަވެސް ފާއިތުވެދިޔަ އިންތިހާބުތަކުގައި ބައެއް ފަހަރު އެއް ބަޔަކު ފޮރިން ޕޮލިސީގެ ތެރެއިން ޗައިނާއާ ގުޅުން ބަދަހިކޮށް، އަނެއް ބަޔަކު އިންޑިއާއެކު އޮތް ގުޅުން އިތުރަށް ވަރުގަދަކުރަމުންދިޔަ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މިހާރު ރާއްޖޭގެ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ވެސް އޮތީ 'އިންޑިއާ ފަސްޓް' ޕޮލިސީ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ސަލާމަތީގޮތުން އިންޑިއާއާއެކު އޮތް ގުޅުން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.