ނ. ވެލިދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ ބިންގާ އަޅައިފިއެވެ.

ނ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެލިދޫ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވެލިދޫ ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ. ހެލްތު މިނިސްޓްރީން މިދިޔަ މާޗް މަހު، ވެލިދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 108,322,537.03 (108.3 މިލިއަން) ރުފިޔާގެ އަގަކަށެވެ.

ވެލިދޫ ކައުންސިލުގެ ރައީސް އާތިފް ހުސެއިން މިރޭ "ވަން"އަށް ވިދާޅުވީ އާ ހޮސްޕިޓަލް އިމާރާތް ކުރަން ނިންމާފައިވަނީ ރަށު މެދުގައިވާ ބޮޑު ހުސްބިމެއްގައި ކަމަށެވެ.