ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން އާންމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި، އެ ވޯޓު ނަގާ މައްސަލައާ ގުޅޭ ނުރަނގަޅު ކަންކަން، މައުލޫމާތު ކަރުދާހުގައި ހިމަނަން، "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު"ގައި ހިމަނާފައި ނެތުމުން ކަންބޮޑުވާ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްގެންދާ އިރު، އެ ބިލަށް ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް ސިޔާސީ ޕާޓީތަކަށް ވަނީ ދައުވަތު ދީފައެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި މި ބިލުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ދާއިރާތައް ވަނީ ހިމަނައިފައެވެ.
ބިލުގައިވާ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނީ:
- ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި
- ގައުމީ މުހިންމު މައްސަލަތަކުގައި
- ގާނޫނު އަސާސީގެ 2 ވަނަ ބާބު ކަމުގައިވާ "އަސާސީ ހައްގުތަކާއި މިނިވަންކަން" މި ބާބުގައި ހިމެނޭ އެއްވެސް މާއްދާއަކަށް އިސްލާހު ގެނައުމަށް
- ގާނޫނުއަސާސީގެ ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައަޅާ މާއްދާ އިސްލާހުކުރާ ނަމަ
- ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ރިޔާސީ ދައުރަށް އިސްލާހެއް ގެންނަނަމަ
- ރައީސް އިންތިހާބުކުރާ ގޮތަށް އިސްލާހެއް ގެންނަ ނަމަ
- ރައީސް ބިލު ތަސްދީގުކުރާ މާއްދާއަށް އިސްލާހެއް ގެންނަ ނަމަ
- ރާއްޖޭގެ ސަރަހައްދު ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ މާއްދާއަށް އިސްލާހެއް ގެންނަނަމަ
- ގާނޫނުއަސާސީއަށް ބަދަލެއް ގެނައުމަށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކޮށް އެކަން މަޖިލީހަށް އަންގާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް
އެ ބިލުގައި ބުނެފައިވާ ގޮތުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ވޯޓަކަށް ދިއުމަށް މަޖިލީހުގެ އަގުލަބިއްޔަތުން ގަރާރެއް ފާސްކުރަން ޖެހެއެވެ.
އޭގެ އިތުރުން ގައުމީ މުހިންމު މައްސަލަތަކުގައި ވޯޓަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމޭނެއެވެ.
އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ފާސްކުރާ އަދި ރައީސް ނެރޭ ގަރާރުގައި އެއް މައްސަލައަށްވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓު ނަގަން ކަނޑައެޅިދާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި އަދި، އެ މައްސަލައާ އެއްކޮޅަށް ހުރި ހުއްޖަތުތަކާ ދެކޮޅަށް ހުރި ހުއްޖަތުތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ކަރުދާހެއް ހިމަނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ގާނޫނުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނެރޭ ގަރާރާއެކު ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލާއި، އެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސަބަބާއި އަދި އެ މައްސަަލައާ އެއްކޮޅަށް ހުރި ހުއްޖަތްތަކުގެ މައްޗަށް އެކުލެވޭ މައުލޫމާތު ހިމަނަންޖެހޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ކަރުދާހުގައި މައްސަލައާ ދެކޮޅަށް ހުރި ހުއްޖަތްތައް ހިމަނަންޖެހޭނެ ކަަމަށް ބިލުގައި ހިމަނާފައެއް ނުވެއެވެ.
ބިލާ ބެހޭގޮތުން ހުރި އެމްޑީއޭގެ ކަންބޮޑުވުންތައް ކޮމިޓީއާ ހިއްސާކުރައްވަމުން އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލް ޝާހު އިސްމާއީލް ވިދާޅުވީ، "ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ގައި ކަންބޮޑުވުންތަކެއް ހިމެނޭ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓާ ބެހޭ މައްސަލައިގައި ދެކޮޅަށް ހުރި ހުއްޖަތްތައް ހިމަނަންޖެހޭ އިރު، ރައީސްގެ ގަރާރުން ނަގާ ވޯޓުގައި އެބައި ހިމަނަން ނެތުމަކީވެސް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ވޯޓު ނަގާ މައްސަލައާ ގުޅޭ ތަޖުރިބާކާރުންގެ ލަފައާއި އިރުޝާދު އެކަމުގައި ބޭނުންކުރަން ޖެހޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ބިލާ ބެހޭގޮތުން އެ ޕާޓީގެ ހުރި ކަންބޮޑުވުންތައް ލިޔުމުން ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށެވެ.
ބިލުގައިވާގޮތުން އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ހިޔާލު ހޯދުމުގެ ސިއްރު ވޯޓުގައި ބައިވެރިވެވޭނެއެވެ. އަދި އެފަދަ ވޯޓެއް ނަގަން ހުށަހަޅާތާ މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އީސީން ވޯޓު ނެގުން ބާއްވަން ޖެހެއެވެ.
އެ އެކުލަވާލާ ކަރުދާސް ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ތެރޭގައި އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން އިލެކްޝަންސް ކޮމިޝަނަށް މި ބިލުގައި ވަނީ ލާޒިމުކޮށްފައެވެ.
މި ބިިލުގައި އިތުރަށް ބުނެފައިވާ ގޮތުގައި:
އާންމުންގެ ހިޔާލު ހޯދަން މަޖިލީހުން ފާސްކުރާ އަދި ރައީސް ނެރޭ ގަރާރު، އެހެން ގަރާރަކުން އަނބުރާ ގެންދެވިދާނެ ނަމަވެސް ގަރާރު އަނބުރާ ގެންދެވޭނީ ވޯޓު ނަގާނެ ތާރީހެއް އީސީން އިއުލާނުކުރުމުގެ ކުރިންނެވެ. އެ ގަރާރުގައި ވޯޓު ނުނަގަން ނިންމި ސަބަބު ބަޔާންކުރަން ޖެހޭނެއެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަކަށް ނުގޮސް ނިމޭނެ ގޮތަކަށް ބަދަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ހުށަހަޅުއްވައިފައެވެ. އެކަމަށް އެ މަނިކުފާނު ހުށަހަޅުއްވަނީ ޕްރިފަރެންޝަލް ވޯޓިން ނިޒާމަކުން ވެރިޔަކު ހޮވުމަށް ކަމަށް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު