ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
މޯދީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި މަހު 25ގައި ރާއްޖެ ވަޑައިގަންނަވާކަން އިއުލާނުކުރައްވައިފަ އެވެ.
އެ ޕޯސްޓުގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"ރާއްޖޭގެ މިނިވަން 60 އަހަރުގެ ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެއް. މިއަހަރަކީ އިންޑިއާ - ރާއްޖޭގެ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރުވެސްމެ. ރައީސް މުއިއްޒާއެކު ކުރެވޭ މަޝްވަރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަން ޔަގީން." މޯދީ ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މޯދީ ރާއްޖެއަށް ޒިޔާރަތްކުރައްވާނީ މި މަހުގެ 25-26 އަށް ކަމަށެވެ.
ރައީސް އޮފީހުން ބުނީ މޯދީގެ މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި ބޮޑުވަޒީރު މޯދީ، ދެ ގައުމާ ގުޅޭ މައްސަލަތަކާއި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރެއްވުމާއި އިތުރު މެމޮރަންޑަން އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ އާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރުމާ ދިމާވުމަކީ މި ދަތުރު އިތުރަށް ހާއްސަވާ ސަބަބެއް ކަމަށެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އާއިޝަތު މާހާ
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ
ނަރެންދްރާ މޯދީ