މާލެ މ. ހަވާއީގެ އިމާރާތް ކުރަމުންދަނިކޮށް ފާރެއް ވެއްޓި، އެ ގެއާ އިންވެގެން އޮންނަ ތަކަންދޫގެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މިރޭ ފާރު ވެއްޓުން ގެއަށް "ވަން"ގެ ނޫސްވެރިޔާ ދިއުމުން ފެނުނީ ތަކަންދޫގޭގެ އެއްބައިގައި އިމާރާތްކޮށްފައިވާ ތަކަންދޫގޭގެ މެދަށް ހަދާފައި ހުންނަ ބައިގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވަނިކޮށެވެ. ނަމަވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އެ ގޭގެ ގްރައުންޑް ފްލޯގައި ހަދާފައިވާ ބަދިގެ ބައިގެ ބިއްގަނޑު ވަނީ އެއްކޮށް ވެއްޓިފައެވެ. އަދި އެތަނުގެ ކަރަންޓު ކެނޑުނު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި ދިރިއުޅޭ މީހުން ވަދެ ނުކުމެ އުޅުމަށް މިވަގުތު ދަތިތަކެއް ވެސް ކުރިމަތިވެފައިވެއެވެ.

އެ ގެޔަކީ ފަސް ބަޔަށް ބަހާފައި ހުންނަ ތަނެކެވެ. ޖުމުލަ 18 މީހުން އެ ގޭގައި ދިރިއުޅޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބޮޑު ގެއްލުމެއް ލިބިފައިވަނީ އެ ގޭގެ މެދުގައި ހުންނަ ބަޔަށެވެ.

ހަވާއީގެ އިމާރާތް ކުރާ ފަރާތް ކަމަށްވާ ފެޑެރޯ ކުންފުނިން ބުނީ އެތަނުގައި އިމާރާތްކުރުމުގެ ހުރިހާ ލިޔެކިޔުންތަކެއް މާލެ ސިޓީ ކައުންސިލުގެ ގަވައިދާ އެއްގޮތްވާގޮތުގެ މަތިން ހަދާފައިވާ ކަމަށެވެ. މި ވަގުތު އެތަނުގައި ވެއްޓިފައިވާ ފާރު ނެގުމާއި އެތަން ސާފުކުރުމުގެ އަމަލީ މަސައްކަތް ފެޑެރޯ ކުންފުނިން ކުރިއަށްގެންދެއެވެ.

22 ޖުލައި 2025: މާލެ މ. ހަވާއީގެ އިމާރާތް ކުރަމުންދަނިކޮށް އެގެއާއި އިންވެގެން އޮންނަ ތަކަންދޫގެއަށް ބޮޑެތި ގެއްލުންތަކެއް --- ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

އެކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން މިރޭ "ވަން"އަށް ބުނީ ނުގަވާއިދުން މަސައްކަތް ކުރާނަމަ، އެ މައްސަލަތައް ބެލުމަށް ހަވާލުވެފައިވާ ސެކްޝަނުން އެކަންކަން ބަލަމުންގެންދާނެ ކަމަށެވެ.

މާލޭ މޭޔަރު އާދަމް އާޒިމް މިރޭ "ވަން"އަށް ވިދާޅުވީ އެކަމާ ގުޅުންހުރި މައްސަލަ ކައުންސިލަށް އަންގާފައިވޭތޯ ބައްލަވައި، އެކަމާ ގުޅިގެން އަޅާފައިވަނީ ކޮންކޮން ފިޔަވަޅުތަކެއްތޯ ބައްލަވާނެ ކަމަށެވެ.