ބ. ދަރަވަންދޫއިން ގޯތި ދޫކުރިއިރު ގޯތި ހޯދަން ކުރިމަތި ލީ މީހުންގެ ތެރޭގައި އެ ރަށު އަބްދުالله އަލީ ހިމެނެއެވެ. ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ޝަރުތުތައް އޮތީ ކައިވެންޏެއް ކޮށްގެން ހުރިނަމަ ގޯތި ލިބުމުގެ ފުރުސަތު ބޮޑުވާ ގޮތަށެވެ.

އަބްދުﷲ އަލީ ގޯއްޗަށް ކުރިމަތިލިއިރު އޭނާ ހުރީ އެ އަތޮޅުގެ އެހެން ރަށެއް ކަމަށްވާ ދޮންފަނު، ލީލީމާގެ އަމީނާ ޔޫސުފާ ކައިވެނިކޮށްގެންނެވެ. އަބްދުﷲ އަލީ އަކީ ކައިވެނި ކޮށްގެން ހުރި މީހަކަށް ވުމުން އޭނާއަށް ގޯތި ލިބުމުގެ ފުރުސަތު ބޮޑުވެ، ރަށުން ގޯތި ލިބުނެވެ. އެ ގޯތީގައި ގެެއެއް އިމާރަތްކޮށް "ވަށަފަރުގެ" ނަމުން ގޯތި ރަޖިސްޓްރީކުރިއެވެ. ގޯތީގެ ރަޖިސްޓްރީ ހަދައިދީފައިވަނީ އަބްދުﷲ އަލީގެ ނަންމައްޗަށެވެ.

ގޯތި ލިބުނު ފަހުން އަބްދުﷲ އަލީއާއި އަމީނާގެ މެދުގައި މައްސަލަތަކެއް ޖެހި ދެ މީހުން ވަރިވިއެވެ. ނަމަވެސް ކައިވެނި އަލުން ރުޖޫއަ ކުރިއެވެ. އެކަމަކު ރުޖޫއަ ކުރި ކައިވެނި މަތީގައި ދެމިތިބެވޭ ގޮތް ނުވެ ދެވަނަ ފަހަރަށް ވަރިކުރިއެވެ. އަނެއްކާވެސް ދެ މީހުން ކައިވެނިކޮށް އެެކުގައި އުޅެމުން ދަނިކޮށް މައްސަލަތަކެއް ޖެހި ތިންވަނަ ފަހަރަށް އަބްދުﷲ އަލީ، އަމީނާ ވަރިކުރިއެވެ. ތިންވަނަ ވަރި ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 22 އޮކްޓޫބަރު 2019 ގައި ސާބިތުކޮށްދީފައެވެ.

ބ. ދަރަވަންދޫގެ މަގުމަތި ---- ފޮޓޯ: މޯލްޑިވްސް މެގަޒިން

ކޯޓުން ވަރި ސާބިތުކުރި ނަމަވެސް އަމީނާ ވަނީ ވަށަފަރު ގެއިން ނިކުތުމަށް ދެކޮޅު ހަދައިފައެވެ. އެހެންވެ އަބްދުﷲ އަލީ ވަނީ އަމީނާ ގެއިން ނެރެދިނުމަށް އެދި ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. މެޖިސްޓްރޭޓް ކޯޓުން އެ މައްސަލައިގައި 10 ސެޕްޓެމްބަރު 2020 ވަނަ ދުވަހު ހުކުމްކުރީ 48 ގަޑިއިރުގެ ތެރޭގައި އަމީނާ، ވަށަފަރުގެއިން ނުކުތުމަށެވެ. ނަމަވެސް ގެއިން ނުކުތުމުގެ ބަދަލުގައި އަމީނާ ނިންމީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ހައިކޯޓަށް ހުށަހަޅައިގެން މައްސަލަ ކާމިޔާބުކޮށް ވަށަފަރުގޭގައި ހުރެވޭނެ ގޮތެއް ހެދުމަށެވެ.

ހައިކޯޓުގައި އަމީނާ ބުނެފައިވަނީ އަބްދުﷲ އަލީއާ ތިންވަނަ ފަހަރަށް ކައިވެނިކުރީ ވަށަފަރުގެއިން ނުނެރޭނެކަމަށް އަބްދުﷲ އަލީ އެއްބަސްވުމުން ކަމަށެވެ. އަދި އެކަމުގެ ހެކީންނަކީ ދެ މީހުންގެ ދަރީން ކަމަށެވެ. ނަމަވެސް އެ ބުނާ އެއްބަސްވުމުގެ ލިޔުމުން ނެތެވެ. އެއީ ހަމައެކަނި ބުނާ ބުނުމެކެވެ.

މި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި، ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވެފައިވަނީ ގޯތި އަބްދުﷲ އަލީއަށް ލިބިފައިވަނީ، ގޯތި ލިބުމުގައި "މީހަކާ އިނދެގެން ހުރުން" މި ޝަރުތު އަބްދުﷲ އަލީގެ ކިބައިގައި ފުރިހަމަވާތީކަމަށް އަބްދުﷲ އަލީ ހައިކޯޓުގެ ޝަރީއަތުގައި އެއްބަސްވެފައިވާ ކަމަށެވެ.

ގޯތި ލިބުނު މައިގަނޑު ޝަރުތުތަކުގެ ތެރޭގައި އަބްދުﷲ އަލީ، އަމީނާއާ ކައިވެނިކޮށްގެން ހުރުން ހިމެނޭއިރު، ގޯތީގައި އަމީނާގެ ހައްގެއް ނެތްކަމަށް ބެލެވޭނެ ހެއްޔެވެ؟ އެހެންކަމަށް ވާނަމަ އަމީނާ ގެއިން ނެރެވިދާނެ ހެއްޔެވެ. މީ މައްސަލައިގެ ތެރެއިން ފެންމަތިވި އެންމެ ހައްސާސް ދެ ސުވާލެވެ.

29 މެއި 2021، މާލެ: ދިވެހިރާއްޖޭގެ ހައިކޯޓު -- ވަން ފޮޓޯ: އަހުމަދު އައިހަމް

އާއިލާއާބެހޭ ގާނޫނުގައިވާ ގޮތުން ކައިވެނީގެ އެއްބަސްވުމެއް ދެމަފިރިންގެ މެދުގައި ކޮށްފައި ވާނަމަ، ވަރި ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން ނުވަތަ ކައިވެނި ރޫޅައިދިނުމުގެ ކުރިން، ނުވަތަ ވަރި ރަޖިސްޓްރީކޮށްދިނުމުގެ ކުރިން، ކައިވެނީގެ މުއްދަތުގައި ދެމަފިރިން އެކުގައި ހާސިލްކޮށްފައިވާ މުދަލާއި ފައިސާ، ދެމަފިރިންގެ މެދުގައި އަދުލުވެރި ބެހުމަކުން ބެހުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. ނަމަވެސް މި މައްސަލައިގައި އެފަދަ އެއްބަސްވުމެއް ހެދިފައެއްނުވެއެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ނިންމާފައިވާ ގޮތުންނަމަ، ދެމަފިރިންގެ ތެރެެއިން އެކަކަށް ގޯއްޗަށް ޝަރުތު ފުރިހަމަވުމުގެ އުސޫލުން ލިބިފައިވާ ގޯއްޗެއް ކަމުގައިވާނަމަ، އެ ގޯތި ލިބޭ ހިސާބުން އެ ގޯތީގައި ދެމަފިރިންގެ މަސްލަހަތު އުފަންވާނެ އެވެ.

އެހެންވެ ފަނޑިޔާރު ފައިސަލް މައްސަލައިގެ ހުކުމަށް ވާސިލުވި ރައުޔުގައިވެސް ކަނޑައެޅުއްވީ ވަށަފަރުގޭގައި ނުވަތަ އެ ގޯތީގައި އަމީނާގެ މަސްލަހަތު އުފަންވާނެ ކަމަށެވެ. އިތުރަށް ފަނޑިޔާރު ވިދާޅުވެފައިވަނީ ކައިވެނި މަތީގައި ދެމިހުރިހާ ދުވަހަކު އަބްދުالله އަލީގެ އަނބިމީހާގެ ހައިސިއްޔަތުން އަމީނާގެ ހައްގެއް އެ ގޯތީގައި އޮންނާނެ ކަމަށެވެ.

ނަމަވެސް ސުވާލު އުފެދެނީ މިހާ ހިސާބުންނެވެ. ދެމަފިރިންގެ ތެރެެއިން އެކަކަށް ގޯއްޗަށް ޝަރުތު ފުރިހަމަވުމުގެ އުސޫލުން ލިބިފައިވާ ގޯއްޗެއް ނުވަތަ ފުލެޓެއް ވަރިއަށްފަހު އެކަކަށް ގެއްލިގެން ދިޔުމެވެ. މިކަމުގެ ހައްލަކީ ކޮބައިތޯއެވެ.

މިފަދަ މައްސަލަތަކުގެ ގާނޫނީ ތަޖުރިބާ ހުރި ވަކީލެއް ކަމަށްވާ ހަމްޒާ ހަލީލް "ވަން" އަށް ވިދާޅުވީ ވަރިއަށްފަހު އަންހެން މީހާގެ ހައްގު ގޯތިން ނުވަތަ ފުލެޓުން ގެއްލިގެން ދިޔުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. ހަމްޒާ ވިދާޅުވީ އެފަދަ މައްސަލަތަކަށް އޮތް ހައްލަކީ ކައިވެނީގެ އެއްބަސްވުން ކަމަށެވެ.

"މި ގޮތަށް ގޯތި ނުވަތަ ފުލެޓެއް ލިބޭނަމަ ދެ މީހުންގެ ހައްގު އޮންނަންވާނެ ކަމަށް ކައިވެނީގެ އެއްބަސްވުމުގައި ހިމަނަންވާނެ. އެކަކުވެސް ބޭރު ނުކުރެވޭނެކަމަށް. އެކަމަކު ގިނަ ފަހަރު ކައިވެނީގެ އެއްބަސްވުމުގައި މިކަހަލަ ކަންކަން ހިމަނާފައިނުވާނެ ކައިވެނި ކުރާ ފަރާތްތަކުން، އެގޮތަށް އެއްބަސްވުން ހަދާނަމަ މިފަދަ މައްސަަލަތެއް ނުނިކުންނާނެ" ހަމްޒާ ވިދާޅުވިއެވެ.

އާއިލާއާބެހޭ ގާނޫނު ----

ހަމްޒާ ވިދާޅުވީ އެފަދަ އެއްބަސްވުމަކަށް ހެދުމަށް އާންމުން ހޭލުންތެރިކޮށް އެކަމުގެ މުހިންމުކަން ކިޔައިދޭން ޖެހޭ ކަމަށެވެ. އެކަން ފެމިލީ ކޯޓަށްވެސް އަދި ޖެންޑާ މިނިސްޓްރީއަށްވެސް ކުރެވިދާނެކަމަށް ހަމްޒާ ދެކެއެވެ.

"މިސާލަކަށް ފެމިލީ ކޯޓުގެ ކައިވެނި ފޯމުގައި މި އެއްބަސްވުމުގެ ވާހަކަ ބަޔާން ކުރެވިދާނެ." ހަމްޒާ ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ ކައިވެންޏަށް ބަލައިގެން ގޯތި ނުވަތަ ފްލެޓު ގިނަ ބަޔަކަށް ދީފައިވާއިރު، އެ ކައިވެނިތައް ރޫޅުމުން އެ ފުލެޓު ނުވަތަ ގޯއްޗާމެދު އަމަލުކުރާނެ ގޮތުގެ ހައްލަކަށް އެދި ކުރިއަށް އޮތް ތަނުގައި ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް އިތުރުވެގެންދާނެ ކަމަށެވެ. - މިހާތަނަށް ކޯޓުތަކަށް ހުށެހެޅިފައިވަނީ މި މައުލޫއާ ގުޅުންހުރި މަދު މައްސަލަތަކެވެ.

ހަމްޒާ ވިދާޅުވި ގޮތުގައި ވަރިއަށްފަހުވެސް ފުލެޓަށް، ގޯއްޗަށް، ނުވަތަ މުދަލަށް ދެ މީހުންގެ ހައްގު އޮންނާނެ އެވެ. ސަބަބަކީ މުދާ ލިބުމުގެ އަސްލަކަށް ކައިވެނީގެ ގުޅުން ވުމެވެ.

ހައިކޯޓުގެ ކުރީގެ ފަނޑިޔާރެއް ކަމަށްވާ އަލީ ސަމީރުގެ ވިސްނުން މި މައުލޫގައި ތަފާތެވެ. ސަމީރު "ވަން" އަށް ވިދާޅުވީ ކައިވެނީގެ އެއްބަސްވުމެއް ހަދައި ވަރިއަށްފަހު މުދަލާ މެދު އަމަލުކުރާނެ ގޮތެއް އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތް ނަމަވެސް ކައިވެނި ކޮށްގެން ތިބެ ހޯދާ މުދާ ދެ މީހުންގެ ދެމެދުގައި ބެހުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. ފުލެޓާއި ބިންފަދަ މުދާތަކުގައި އެ ހައްގު އިތުރަށް ބޮޑުވާނެކަމަށް ސަމީރު ދެކެވަޑައިގަންނަވައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ގާއިމްކުރާ 4،0000 ފްލެޓު -- (ފޮޓޯޯ/ ރައީސް އޮފީސް)

"ދެ ފަރާތުގެ ދެމެދުގައި ލިޔުމުން ވެފައިވާ އެއްބަސްވުމެއް ނެތް ނަމަވެސް އަމަލުކުރި ގޮތުން އެފަދަ އެއްބަސްވުމެއް އުފެދިއްޖެ ނަމަ ނުވަތަ ނޫންކަން ބެލިދާނެ،" ސަމީރު ވިދާޅުވިއެވެ.

ކައިވެނީގެ އެއްބަސްވުމެއް ނެތި ވަރިއަށްފަހު ދެން މުދަލާމެދު އަމަލުކުރާނެ ގޮތުގެ ސާފު އިޖުރާއަތްތަކެއް ގާނޫނުގައިވެސް އަދި ގަވާއިދެއްގައިވެސް ބަޔާންކޮށްފައިނުވެއެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ދަށު ކޯޓުތަކުން މަތީ މަރުހަލާގެ ނިންމުންތަކަށް ތަބާވާން ޖެހެއެވެ. މަތީ މަރުހަލާގެ ކޯޓުތައް ކަމަށްވާ ހައިކޯޓު އަދި ސުޕްރީމް ކޯޓު މިފަދަ މައްސަލަތަކުގައި ސާފު ރައުޔެއް ދީފައެއްނުވެއެވެ. ކައިވެނީގެ އެއްބަސްވުމެއް ނެތި ވަރިއަށްފަހު ފުލެޓު ނުވަތަ ގޯއްޗާއި މެދު ޖެހޭ މައްސަލަތައް ހައްލުކުރާނެ ގޮތުގެ ސާފު އިރުޝާދެއް ނެތެވެ.

"އެފަދަ އެއްވެސް ނިންމުމެއް ނެތި ގާނޫނެއްވެސް ނެތި މައްސަލަތައް ދަށު ކޯޓުތަކުން އެކި ގޮތްގޮތަށް ނިންމަމުންދާނަމަ ދެން މިފަދަ މައްސަލަތައް ހައްލުކުރަން އުނދަގޫވާނެ. އެއަށްވުރެ ކުރީން އެބަޖެހޭ ގާނޫނަކުން މިކަމަށް ސީދާ މަގެއް ދައްކަން" ހަމްޒާ ވިދާޅުވިއެވެ.

ހަމްޒާ ދެކެވަޑައިގަންނަވާ ގޮތުގައި އެ އިސްލާހު ގެންނަންވީ އާއިލާއާބެހޭ ގާނޫނަށެވެ. އެފަދަ އިސްލާހެއްގެ މުހިންމުކަން ކަމާބެހޭ އިދާރަތްތަކުގެ ސަމާލުކަމަށް އޭނާ ގެންނަވައިފައިވާނެ ކަމަށާއި ނަމަވެސް އަދިވެސް ސީދާ އަލިމަގެއް ނުފެންނަކަށް ހަމްޒާ ވިދާޅުވިއެވެ.

ހައިކޯޓަށް ހުށަހެޅުނު މިފަދަ ބައެއް މައްސަލަތައް ބެއްލެވި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ސަމީރު ވިދާޅުވީ ވަރިއަށްފަހު ދެ މީހުންގެ ނަމުގައި ފުލެޓު ނުވަތަ ގޯތި ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށެވެ. ހަމްޒާގެ ދެކެވަޑައިގަންނަވާ ގޮތުގައި މިފަދަ މައްސަލަތަކުގައި އެއްވެސް ފަރާތެއްގެ ހައްގު ގެއްލިގެންދާ ގޮތަކަށް ފަނޑިޔާރުން ގޮތެއް ނުނިންމަވާނެއެވެ.

"ތިޔަބުނާ މައްސަލަ (ވަށަފަރުގެ) މައްސަލައިގައިވެސް ސުޕްރީމް ކޯޓާ ހިސާބަށް ދިޔަޔަސް، އެ ކޯޓުގެ ފަނޑިޔާރުންވެސް އަންހެން މީހާގެ ހައްގު އެއްކޮށް ގެއްލިގެންދާ ގޮތަކަށް މައްސަލައެއް ނުނިންމާނެ. ހައްގު އޮންނާނެ ގޮތަކަށް މައްސަލަ ނިންމާނެކަން ޔަގީންކުރެވޭ." ހަމްޒާ ވިދާޅުވިއެވެ.

ސަމީރުގެ ވިސްނުމާ އެއްގޮތަށް މީގެ ކުރިން ސަރުކާރުން ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދެމަފިރިންނަށް ފްލެޓް ލިބިފައިވާނަމަ، އެ މީހުންނަށް ލިބޭނީ އެއް ފްލެޓް ކަމަށާއި އެކަމަކު އެތަން ރަޖިސްޓްރީ ކުރާނީ ދެ މީހުންގެ ނަމުގައިކަމަށް ނިންމައިފައެވެ. އެއިރު އެކަން ކުރަމުންދިޔައީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

29 މެއި 2021، މާލެ: ފެމިލީ ކޯޓު -- ވަން ފޮޓޯ: އަހުމަދު އައިހަމް

އެކަން އެގޮތަށް ކުރަމުން ދިޔަ ނަމަވެސް ފަހުން ނުކުތީ ހަމަ މި މައްސަލައެވެ. ވަރިއަށްފަހު ކޮންމެވެސް އެކެއްގެ ބޯހިޔާވަހިކަން ގެއްލިގެން ދިޔުމެވެ. މި މައްސަލަ މިއަދާ ހަމައަށްވެސް އޮތީ ހަމަ މިގޮތަށެވެ. ސަރުކާރުން ހައުސިން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ރާވާފައިވާއިރު މި މައްސަލަ އިތުރަށް ފުޅާވެގެން ދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށް ގަބޫލުކުރަން ޖެހެއެވެ.

ގާނޫނަކުން ނުވަތަ ގަވާއިދެއްގައި މިކަމަށް ހައްލެއް ނެތެވެ. އޮތް ހަމައެކަނި ހައްލަކީ ކައިވެނީގެ އެއްބަސްވުން ކަމަށްވާއިރު އެއީ މީހުން އެހާ ގަޔާވާކަމެއް ނޫނެވެ. ފެމިލީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ކައިވެނީގެ ކުރިން ހަދާ އެއްބަސްވުމުގެ ދަށުން، ކައިވެނީގެ މުއްދަތުގައި ދެ މީހުން ހޯދާ މުދަލާ މެދު އަމަލު ކުރާނެ ގޮތަކާމެދު އެއްބަސްވުމެއް ހެދުމަށް ގިނަބަޔަކު ޝައުގުވެރިކަމެއް ނުހުރެއެވެ. ހަމްޒާވެސް ވިދާޅުވީ ހަމަ އެގޮތަށެވެ. އެ އެއްބަސްވުމުގެ މުހިންމުކަން އާންމުންގެ ސަމާލުކަމަށް ގެނެސް ހޭލުންތެރިކުރުވަން ކޮންމެހެންވެސް ޖެހޭކަމަށް ދެ ބޭފުޅުންވެސް ގަބޫލުކުރައްވައެވެ.

މައްސަލައިގެ ހައްލު އޮތީ ގާނޫނުން ނުވަތަ ގަވައިދުން ގެނެވޭ ބަދަލެއްގެ ތެރެއިންނެވެ. އެހެން ނޫނީ މި މައްސަލަ ދާނީ އިތުރަށް ބޮޑުވެ ފުޅާވަމުންނެވެ، ނުކުންނަ މައްސަލަތައް ދާނީ ގިނަވަމުންނެވެ.