ބަލިވެގެން އެކިއެކި ޑޮކްޓަރުންނަށް ދެއްކިޔަސް ކޮންމެ ޑޮކްޓަރަކުވެސް ހަދަން ދެނީ އެއް ޓެސްޓެއް ކަމަށް އޭސީސީން ތައްޔާރުކުރި "ދިވެހިރާއްޖޭގެ ސިއްހީ ވެލްފެއާ ނިޒާމުގެ ކޮރަޕްޝަން ރިސްކް އެސެސްމެންޓް" ރިޕޯޓުގައި ބުނެފިއެވެ.
އެ ރިޕޯޓަކީ އޭސީސީން 10 އޮކްޓޯބަރު 2024 ހަދަން ފަށައި މިއަދު އާންމުކުރި ދިރާސީ ރިޕޯޓެކެވެ.
އޭސީސީން އެ ރިޕޯޓުގައި ބުނީ ރާއްޖޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި، ވަށައިޖެހޭ ފުރިހަމަ ނިޒާމަކަށް ބޭނުންވާ މުހިންމު ގިނަ ގަވާއިދުތައް އެކުލަވާލެވިފައި ނެތްކަން ދިރާސާގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބަލި ދެނެގަތުމުގެ ކަންކަމާއި (ޑައިގްނޯސިސް ރިލޭޓެޑް ސްކީމް)އާ ގުޅޭ ނުވަތަ ހިދުމަތް ދޭ އަމިއްލަ ތަންތަނުގައި އަގު ކަނޑައެޅުމުގެ ކަންކަމާ ގުޅޭ އުސޫލެއް (ޕްރައިވެޓް ސެކްޓާގެ ޕްރައިޒިން މެކޭނިޒަމް) ފަރުވާ ދޭނެ ގޮތާ ގުޅޭ ޓްރީޓްމެންޓް ޕްލޭނެއް އަދި ޓްރީޓްމެންޓް ޕްރެކްޓިކްސް ގައިޑްލައިންތަކެއްވެސް ނެތްކަން ފާހަގަކުރެވުނު ކަމަށް އޭސީސީން ބުންޏެވެ.
"މަތީގައި ދެންނެވިފައިވާ ފަދަ ގައިޑްލައިންތައް ނެތުމުގެ ސަބަބުން، އެއްވެސް ހުރަހެއް ނެތި، އެކި ޑޮކްޓަރުންގެ ކޮންސަލްޓޭޝަންގެ މައްޗަށް ޖެހިޖެހިގެން އެއް ޓެސްޓެއް ހެއްދުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. އެއީ، މިވަގުތު ސިއްހީ ނިޒާމު ބައްޓަން ވެފައި އޮތް ގޮތުން މިފަދައިން ހެދޭ ޓެސްޓުތަކަކީ މެޑިކަލީ އެންމެ ބޭނުންތެރި ޓެސްޓުތަކެއްކަން ކަށަވަރުކުރުމަށް ރިއާޔަތް ކުރާނެ މިންގަނޑެއް ކަނޑައެޅިފައި ނުވާތީއެވެ. އެހެންކަމުން، މިފަދަ ޓެސްޓްތަކަކީ، ކޮންމެހެން ހަދަން ޖެހޭ ޓެސްޓްތަކެއްކަން ޔަގީންކުރުމަކީވެސް އުނދަގޫކަމެކެވެ" އޭސީސީން ބުންޏެވެ.
ނަމަވެސް އެކަންކަމަށް ރިއާޔަތްކުރާނެ އުސޫލުތައް ހެދިފައިވާ ނަމަ ރޭވުންތެރިކަމާއެކު ބޭސްކުރަމުންދާ ބައްޔާ ގުޅޭހެން ޓެސްޓްތައް ހެއްދުމަށް މަގުފަހިވެ، ތަކުރާރުކޮށް އެއް ޓެސްޓްތަކެއް ހެދުމުގެ ފުރުސަތުތައް މަދުވެ އާސަންދައިން ކުރަން ޖެހޭ ހޭދަ ކުޑަވެގެންދާނެކަމަށް އޭސީސީން ބުންޏެވެ.
ރާއްޖޭގައި ހަރުދަނާ ރެފަރަލް ނިޒާމަކަށް ފަހިވާނެ ފަދަ ގަވާއިދުތައް ނެތުމަކީވެސް ސިއްހީ ވެލްފެއާ ނިޒާމުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ހުރި ގޮންޖެހުމެއްކަން ފާހަގަވެފައިވާކަމަށް އޭސީސީން ބުންޏެވެ. ރެފަރެލް ނިޒާމެއް ނެތުމުން ބައެއް ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ރިފާ ކުރުން ލަސްވެ ބަލިމީހާއަށް ރާއްޖޭގައި ޑޮކްޓާ "ޝޮޕިން"އަށް ދާން ޖެހޭކަމަށް އޭސީސީން ބުންޏެވެ.
މިއީ އެ ހާލަތެއްގެ ސަބަބުން ބަލިމީހާއާ އެއްވަރަށް އާސަންދައަށްވެސް އޭގެ ބުރަ އުފުލަން ޖެހޭ ހާލަތެއް ކަމަށާއި އެއީ ބަލީގެ ފަރުވާ ހޯދުމަށް ރާއްޖޭއިން ބައްޔަކާ ގުޅުން ހުރި ހުރިހާ ތަންތަނަށް ބަލިމީހާ ދާން ޖެހޭ ހާލަތްތަކުގައިި، އެއިން ކޮންމެ ކޮންސަލްޓޭޝަނަކަށް، އާސަންދައިން ހޭދަ ކުރަން ޖެހޭތީ ކަމަށް އޭސީސީން ބުންޏެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ މިންގަނޑަށް ރިއާޔަތްކުރާއިރު، ރާއްޖޭގައި ދައުލަތުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން ޕްރައިވެޓް ހޮސްޕިޓަލް/ކްލިނިކްތަކުގައި މަސައްކަތްކުރުމާ ގުޅިގެން އަމަލުކުރާނެ އެއްވެސް ގަވާއިދެއް ހެދިފައި ނެތްކަން އޭސީސީން ފާހަގަކުރިއެވެ. އެހެންވެ މަސްލަހަތު ފުށުއެރުން، ޑޮކްޓަރުން ބަލިމީހަކަށް ހޭދަކުރާ ވަގުތު އަދި ޑޮކްޓަރުންގެ ހިދުމަތް މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށް ނުދާކަމަށް އޭސީސީން ބުންޏެވެ.
ރަނގަޅު މޮނިޓަރިން އަދި އިވެލުއޭޝަން ނިޒާމެއް ނެތުމުގެ ސަބަބުން ނާޖާއިޒު މަންފާ ހޯދައި ލިބިގަތުމަށް މަގުފަހިވާނެކަމަށް އޭސީސީން ބުންޏެވެ.
ބޭހާއި ގުޅޭ ކަންކަމުގައި، ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްވެސް އެންމެ އެކަށީގެންވާ ގަވާއިދުތައް އެކުލެވިގެން ނުވާކަން އޭސީސީން ފާހަގަކުރިއެވެ. އެގޮތުން ބޭހުގެ އަގު ކަނޑައެޅުމުގައި ނިޒާމީ ގޮތެއްގައި އަމަލުކުރާނެ އުސޫލެއް ނެތުމާއި، އެތެރެކުރާ ބޭހުގެ ސްޓޮކް ސެންޓްރަލީ ބަލަހައްޓާނެ ނިޒާމު މޮނިޓާ ކުރާނެ ގޮތް ލިޔުމުން އެކުލަވާލާފައި ނުވުމުގެ އިތުރުން ބޭހުގެ ބާރު (ސްޓްރެންތް / ވޮލިއުމް) އަށް ރިއާޔަތްކޮށް ވިއްކާނެ އަގު ކަނޑައަޅައިފައި ނުވާކަމަށް އޭސީސީން ބުންޏެވެ.
އެ ގަވާއިދުތައް ނެތުމުގެ ސަބަބުން، އާސަންދައިން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް ހުރަސްއެޅި، މަސައްކަތާއި ހިދުމަތް އަވަސް ކުރުމަށް ކޮރަޕްޝަނުގެ އަމަލެއް ހިންގުމަށް މަގުފަހިވާކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ހުށަހަޅާ ލަފާތައް:
- ޑައިގްނޯސިސް ސްކީމެއް ހިމެނޭހެން ކްލިނިކަލް ގައިޑްލައިން އެކުލަވާލުން
- ރިފަރަލް ގައިޑްލައިނެއް އެކުލަވާލުން
- ޓްރީޓްމެންޓް އަދި ޕްރެކްޓިކްސް ގައިޑްލައިނެއް އެކުލަވާލުން
- ދައުލަތުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން ޕްރައިވެޓް ހޮސްޕިޓަލް/ކްލިނިކްތަކުގައި މަސައްކަތްކުރުމުގެ ގަވާއިދު
- ނޭޝަނަލް ޕްރިސްކްރައިބިން ސްޓެންޑާޑެއް ކަނޑައަޅައި އާންމުކުރުން
- ދިވެހިރާއްޖޭގައި ބޭހުގެ އަގު ކަނޑައެޅުމުގައި ނިޒާމީ ގޮތެއްގައި އަމަލުކުރާނެ އުސޫލެއް އެކުލަވައިލައި އާންމުކުރުން
- ސިއްހީ ހިދުމަތްތަކާ ގުޅިގެން ފޯރުކޮށްދެވޭ ހިދުމަތްތަކާއި، ޕްރޮސީޖާތަކާއި ބޭސްތަކަށް ނޭޝަނަލް ޕްރައިޒިން ސްކީމެއް ތައާރަފުކޮށް އޭގެތެރެއިން މެކްސިމަމް ރީޓެއިލް ޕްރައިޒެއް ކަނޑައެޅުން /ނުވަތަ ޕްރައިޒް ސީލިންއެއް ކަނޑައެޅުން
- ދިވެހިރާއްޖެއަށް އެތެރެކުރެވޭ ބޭހުގެ ސްޓޮކް ސެންޓްރަލީ ހަރުދަނާ ކަމާއެކު ބަލަހައްޓާ، މި ނިޒާމު މޮނިޓާކުރާނެ ގޮތް ލިޔުމުން އެކުލަވައިލައި ތަންފީޒުކުރުން
- ސިއްހީ ހިދުމަތްތަކާ ގުޅޭ ސްޓެންޑާޑް ސާވިސް ލިސްޓިންއެއް ކަނޑައެޅުން
- އެމްއެފްޑީއޭ އެޕްރޫވްޑް ޑްރަގް ލިސްޓް ގައި ބޭހުގެ ބާރު (ސްޓްރެންތް/ވޮލިއުމް) ބަޔާންކޮށް، ކޮންމެސްޓްރެންތެއް ވިއްކާނެ އަގު ޕްރައިޒް ލިސްޓުގައި ހިމެނުން
މުހައްމަދު އިޝާން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން