މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުކޮށްފިއެވެ.

އެމްއެމްއޭއިން މިއަދު ބުނީ އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު ބޮޑުކުރަނީ 10 ޕަސަންޓަށް ކަމަށެވެ. އެމްއެމްއޭއިން ބުނީ މި ހަފުތާއިން ފެށިގެން އެ ބަދަލު ގެންނަން ނިންމާފައިވާ ކަމަށާއި އެ ބަދަލުގެ ސަބަބުން ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރު 40 ޕަސަންޓަށް އިތުރުވެގެންދާނެ ކަމަށެވެ.

އެމްއެމްއޭއިން ވަނީ މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފުތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާ 60 އިން 90 ޕަސަންޓަށް އިތުރުކޮށްފައެވެ. ނަމަވެސް އެމްއެމްއޭއިން ބުނި ގޮތުގައި ބޭންކުތަކުން އިތުރަށް މާރުކުރާ 30 ޕަސަންޓް އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު ދަނީ ވިއްކަމުންނެވެ.

އެފަދަ ބަދަލެއް ގެންނަން ޖެހުނީ ކޮންމެ ހަފުތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ އަދި ހަމަހަމަ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ބޭންކުތަކަށް އަނބުރާ ދޭ 30 އިންސައްތަ ބޭނުން ކުރަނީ އެކިއެކި ޒަރޫރީ ބޭނުން ތަކަށާއި ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށެވެ. އަދި އެ އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ ޑޮލަރުގެ އަދަދު 50 ޕަސަންޓަށް ބޮޑުކުރުމަކީ އަމާޒެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.