ރާއްޖޭގެ މައި ދޮރާށި ހުރީ ބާވެފައެވެ. މީގެ 47 އަހަރު ކުރީން 1978 ވަނަ ހުޅުވި، މި އެއާޕޯޓު ބަވަނަ ވަމުން އަންނަ ދުނިޔެއާ ރާއްޖެއާ ގުޅުވައިލަން ކުޑަވިތާ ކިތަންމެ އަހަރެއް ވެއްޖެއެވެ. ޓާމިނަލްގެ ހަގީގީ ކެޕޭސިޓީއަކީ، ދުވާލަކަށް 2،000 އެއްހާ މީހުންނެވެ. ނަމަވެސް ދުވަހަކަށް ވުރެ ދުވަހެއް ރާއްޖެއަށް އަންނަ މީހުން އިތުރުވުމުގެ ސަަބަބުން ދުވާލަކަށް 23،000 މީހުންނަށް އެ ކުޑަކުޑަ ޓާމިނަލުން ހިދުމަތް ދޭންވެސް ޖެހުނެވެ.

ޓާމިނަލް ކުޑަވުމަކީ، ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށްވެސް އެޅިފައިވާ ހުރަހެކެވެ. ރާއްޖެއަކީ، މުޅި ދުނިޔެއިންވެސް ފަތުރުވެރިކަމަށް އެންމެ މަޝްހޫރު އަދި އެންމެ އަގުބޮޑު ފަތުރުވެރިކަން ކުރާ އެއް ގައުމު ކަމަށްވެފައި އަހަރަކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިލިއަނެއް ހުރަސްކޮށްފައިވާއިރު، އެ އެންމެންނަށް ރާއްޖެއަށް ފުރަތަމަ ފައިތިލަ ބީއްސާލެވޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ މީހުންނަށް ނުކުމެވޭނީ އޯވަކެޕޭސިޓީގައި ބޭނުންކުރަމުންދާ ޓާމިނަލެއްގެ ތެރެއިންނެވެ.

ޓާމިނަލް ކުޑަވެ، އެތައްހާސް ބަޔަކަށް ކޮންމެ ދުވަހަކު ހިދުމަތްދޭން ޖެހުމުން، ލަސްތަކާ ކުރިމަތިވެއެވެ. އެއާޕޯޓަށް ފުރަންދާ މީހާއަށާއި އަންނަ މީހާއަށްވެސް އެ ތަކުލީފުތައް ކުރިމަތިވެއެވެ.

ނަމަވެސް އެކަމަށް ތަސައްލީއެއް، ގެނައުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަހުކޮޅު، ރާއްޖޭގެ މަލަމަތި ބަދަލުކޮށްލާނެ މަޝްރޫއެއް ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލްގެ ބިންގާ އެޅިއެވެ. އެ މަޝްރޫއު ހަވާލުކުރީ، ސައުދީ ބިންލާދިން ގްރޫޕާއެވެ.

21 ޖުލައި 2025، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްް މީޑިއާތަކަށް ދައްކާލުން: ފަންނުވެރިކަމާއެކު ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ވީއައިއޭގެ އާ ޓާމިނަލުން ފެންނަނީ ހިތްގައިމު މަންޒަރެއް --- ވަން ފޮޓޯ: ހަމްދާން އަހުމަދު

މިހާރުވެސް ބޭނުންކުރާ ފެސެންޖާ ޓާމިނަލްގެ އުތުރުން އެ ޓާމިނަލާ އިންވެގެން، 78،000 އަކަ މީޓަރުގެ ބިޔަ ޓާމިނަލެއްގެ މަސައްކަތް ފެށީ އިގްތިސޯދީ މައި މަޝްރޫއެއްގެ ގޮތުގައެވެ. އެ ޓާމިނަލުން އަހަރަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. އެކި ދުވަސްވަރު އެ މަޝްރޫއަށް ގެނައި ބަދަލުތަކާ އެކު، އެ ތަނަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހަރަދުުކުރިއެވެ. އާ ޕެސެންޖާ ޓާމިނަލުގެ މަސައްކަތްތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވެސް ކުރިއެވެ. އެކަމަކު، ޓާމިނަލްގެ މަސައްކަތް ނިންމައި އެންމެ ފަހުގެ ކަންކަން ފުރިހަމަކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުންނެވެ.

އާ ފެސެންޖާ ޓާމިނަލްގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މިނިވަން ދުވަސް، މި މަހުގެ 26 ވާ ހޮނިހިރު ދުވަހު އެތަން ހުޅުވަން ނިންމައިފައެވެ. އެކަމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު، މުޅި އެއާޕޯޓު ސަރަހައްދުން ހާމައަށް ފެނެއެވެ. މުވައްޒަފުން، ރެޔާއި ދުވާލު އުޅެނީ، ރިހާސަލްތަކުގައެވެ. އޮމާންކޮށް ކަންކަން ކުރިއަށް ގެންދާން ފަސް ދުވަހުގެ ޓްރިއަލްތަކެއް އެއާޕޯޓުގެ އެކިއެކި ޑިޕާޓްމަންޓްތަކުން އަންނަނީ ކުރަމުންނެވެ. ކަސްޓަމްސް އާއި އިމިގްރޭޝަނެެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި އެމްއޭސީއެލްގެ މުވައްޒަފުންނާއި ގައުމީ އެއާލައިން، މޯލްޑިވިއަންގެ މުވައްޒަފުންނެވެ. މިހެން ގޮސް އެތައް ސަތޭކަ މުވައްޒަފުނެއް އެކަމުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

21 ޖުލައި 2025، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްް މީޑިއާތަކަށް ދައްކާލުން: ފަންނުވެރިކަމާއެކު ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ވީއައިއޭގެ އާ ޓާމިނަލުން ފެންނަނީ ހިތްގައިމު މަންޒަރެއް --- ވަން ފޮޓޯ: ހަމްދާން އަހުމަދު

"ޓާމިނަލްގައި މިހާރު ފުލް ޓްރިއަލްއެއް. މާނައަކީ ފަސިންޖަރުން ޓާމިނަލަށް ވަދެ ޗެޖިން ޕްރޮސެސް މިހާރު މި ހިނގަނީ. ދެން އަޅުގަނޑުމެން އެއްފަހަރާ މިއަދު ހަތަރު ފްލައިޓެއް އެބަ ޑިޕާޓްކުރޭ. ފަސިންޖާސް ޗެޖިން ކޮށްފައި އެ ބޭފުޅުން ވަޑައިގަންނަވާނެ އިމިގްރޭޝަން ޕްރޮސެސްއަށް. އިމިގްރޭޝަން ޕްރޮސެސް ފުރިހަމަކޮށްފަ ސެކިއުރިޓީ ކްލިއާކުރައްވައިގެން ބޯޑިންއަށް ވަޑަައިގަންނަވާނީ. އުންމީދަކީ މި ސޭމް ސިނާރިއޯ ކޮންމެ ދުވަހަކުވެސް ޖުލައި 26 އާ ހަމައަށް ކުރިއަށް ގެންދިއުން. ބޭނުމަކީ ޖުލައި 26ގައި ޓާމިނަލް ހުޅުވޭއިރު ވަަރަށް ސީމްލެސް އޮޕަރޭޝަނެއް ހިންގޭ ވަރަށް ހުރިހާ ސްޓާފުން ޓްރެއިން ކުރުމުގެ މަގުސަދުގައްޔާއި ހުރިހާ ސްޓާފުން ތަނަށް ފަރިތަކުރުމުގެ ބޭނުމުގައި މި ޓްރިއަލްތައް ކުރިއަށް މިގެންދަނީ" އޮރެޓްގެ ސީނިއާ ޖެނެރަލް މެނޭޖަރު ފާތިމަތު ޝާހިދާ އާ ޓާމިނަލްގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

21 ޖުލައި 2025، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްް މީޑިއާތަކަށް ދައްކާލުން: ފަންނުވެރިކަމާއެކު ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ވީއައިއޭގެ އާ ޓާމިނަލުން ފެންނަނީ ހިތްގައިމު މަންޒަރެއް --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ތިން ބުރީގެ ބިޔަ ޓާމިނަލުން ވަދެގެންދާއިރު، އެތަނުގެ އިންޓީރީއާވެސް ވަރަށް ހިތްގައިމެވެ. ޓާމިނަލެއްގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް ފުރިހަމަވާއިރު، ޓާމިނަލް ފަރުމާކޮށްފައިވަނީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފަސިންޖަރުންނަށް ލިބޭނެ ގޮތަށެވެ. އެގޮތުން ސެލްފް ސާވިސް ކައުންޓަރުތަކާއެކު ޖުމްލަ 48 ކައުންޓަރުން ފުރަތަމަ ދުވަހުން ފެށިގެންވެސް ހިދުމަތްތައް ދެމުންދާނެއެވެ. އެ ކަމުގެ ސަބަބުން ފުރާ މީހުންނާއި އަންނަ މީހުންގެ ވަގުތު ވަރަށް ބޮޑަށް ސަލާމަތްވެގެންދާނެއެވެ.

މި ޓާމިނަލްގެ ތެރެއިން ފެންނަނީ ޒަމާނީ އެއާޕޯޓެއްގެ ފުރިހަމަ ސިފަތަކަވެ. ތަރައްގީ ވެފައިވާ ގައުމުތަކުން މި ފެންނަ ފަދަ ފުރިހަމަ ބޮޑު އެއާޕޯޓެއްގެ ޓާމިނަލްގެ ކޮލިޓީ އެވެ.

މުޅި ޓާމިނަލް ސީސީޓީވީން ކަވަރު ކުރާއިރު، ސަލާމަތީ ގޮތުން ބެލިޔަސް އާ ޓާމިނަލީ ރައްކާތެރި ޓާމިނަލެކެވެ. ޓާމިނަލްގެ ބިޔަކަމާއެކުވެސް، ޓާމިނަލަށް އަލަށް ވަންނަ މީހަކަށްވެސް ދެވޭ ނުދެވޭ ތަންތަން އެނގޭނެ ގޮތަށް ނިޝާންތައް ކުރަހާފައިވާއިރު، އެއާޕޯޓުގެ މުވައްޒަފުންވެސް ފަސިންޖަރަކުންނަށް އިރުޝާދުތައް ދީ އެހީތެރިވުމަށް އަަބަދުވެސް ހަރަކާތްތެރިވާނެއެވެ.

އާ ޓާމިނަލުން އެއްފަހަރާ 12 ބޯޓަށް ހިދުމަތް ދެވޭނެއެވެ. ޖުމުލަ ހަ ކޮންވޭޓާ ބެލްޓު އާ ޓާމިނަލްގައި ހުންނައިރު، ބޯޓުން ސީދާ ޓާމިނަލަށް ފޭބޭނެ އިންތިޒާމުތައްވެސް މުޅީން އަލަށް ވަނީ ހަމަޖައްސައިފައެވެ.

އޮރަޓް ކޮންސަލްޓެންޓުގެ އިރުޝާދާ އެކު، އާ ޓާމިނަލް ބޭނުން ކުރަން ފަށާނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެކަން ކުރަނީ ކެނެޑާގެ މޮޑަލިސް ކޮންސަލްޓެންސީގެ އެހީގަ އެވެ.

21 ޖުލައި 2025، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްް މީޑިއާތަކަށް ދައްކާލުން: ފަންނުވެރިކަމާއެކު ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ވީއައިއޭގެ އާ ޓާމިނަލުން ފެންނަނީ ހިތްގައިމު މަންޒަރެއް --- ވަން ފޮޓޯ: ހަމްދާން އަހުމަދު

އާ ޓާމިނަލާއެކު، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުރުވާނެ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ދާނެއެވެ. އާ ޓާމިނަލުން ރާއްޖޭގެ އިގްތިސޯދަށް "ބޫސްޓެއް" ލިބޭއިރު، ވަޒީފާގެ އެތައް ފުރުސަތެއްވެސް ފަހިވެގެންދާނެއެވެ. ބައިގަރުނަށްފަހު، ދިވެހިންގެ މައި ދޮރާއްޓަށް މިއަންނަ ބޮޑު ބަދަލަކީ ޖީލުތަކަށް ދެމިގެންދާނޭ މުހިންމު ބަދަލެކެވެ. އެއީ ރާއްޖޭގެ މަލަމަތި ބަދަލުކޮށްލާނެ ހިތްގައިމު، ޑިޒައިނިން ފުރިހަމަ ދިވެހިވަންތަ ޓާމިނަލެކެވެ. ސަޅި އެވެ. ކޮލިޓީ އެވެ.