އާސެނަލުން މިހާތަނަށް ޓްރާންސްފާ މާކެޓްގައި 12.5 މިލިއަން ޕައުންޑް ހަރަދުކުރެވުނަސް، އަދިވެސް ކުޅުންތެރިން މަދު ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

މިހިނގާ ޓްރާންސްފާ ވިންޑޯގައި އާސެނަލް ފެންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރާތަނެވެ. މިހާތަނަށް އެ ޓީމުން ވަނީ ޗެލްސީގެ ކީޕަރު ކެޕާ އަރީޒާބަލާގާއާއި އެ ކްލަބުގެ ވިންގް ނޮނީ މަޑުއޭކޭގެ އިތުރުން މާޓިން ޒުބިމެންޑީއާއި ކްރިސްޓިއަން ނޯގާޑުގެ ސޮއިވެސް ހޯދައިފައެވެ.

އޭގެ އިތުރުން ވެލެންސިއާގެ ޒުވާން ޑިފެންޑަރު ކްރިސްތިއަން މޮސްކޭރާއާއި ސްޕޯޓިން ލިސްބަންގެ ވިކްޓޯ ޔޯކެރޭޝް ގެންދަންވެސް އާސެނަލުން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ޔޯކެރޭޝް ގެންދަން އާސެނަލުން އެއްބަސްވެފައިވާ އަގަކީ 63.5 މިލިއަން ޕައުންޑް ކަމަށްވެސް ނޫސްތައް ބުނެއެވެ.

"އަހަރެން ނުދައްކާނަން އަދި ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިން ވާހަކައެއް. އަދި ޓްރާންސްފާ ވިންޑޯގައި ވަގުތު އެބައޮތް. އަހަރެމެންގެ 30 ކުޅުންތެރިންގެ ސްކޮޑަށް ބަލާއިރު، އަދި އެބަޖެހޭ އިތުރު ކުޅުންތެރިން ސޮއި ހޯދަން. އެއީ އަދި ކުޅުންތެރިން މަދު. ހާއްސަކޮށް ސްކޮޑު ވަރުގަދަކުރަން ވިސްނާއިރު، އަދި އެބަޖެހޭ މާ ބޮޑަށްވެސް ޓީމު ވަރުގަދަ ކުރަން،" އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ މިދިޔަ 10-15 ވަރަކަށް ދުވަހުގެ ތެރޭގައި ޓީމުގެ ތަމްރީނުތަކުން ފެނުނީ ރަނގަޅު ކުރިއެރުމެއް ކަމަށާއި، ކުރިއަށް އޮތް ސީޒަނަށް އާސެނަލުން ތައްޔާރުވާނީ ތަށި ހޯދުމުގެ ވިސްނުމުގައި ކަމަށެވެ.