ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ފަރާތުން، އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ މައްޗަށް ކުރި ދައުވާ ކުރިއަށް ގެންދަން ސިވިލް ކޯޓުން ނިންމުމުން، އެމްޑީޕީން ހައިކޯޓުގައިކުރި އިސްތިއުނާފީ ދައުވާ ހައިކޯޓުން ބާތިލުކޮށްފިއެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބެލޭނެ ކަމަށް ނިންމީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. އެމްޑީޕީގެ ފަރާތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގައެވެ.

ހައިކޯޓުން މިއަދު އާންމުކުރި "ދައުވާ ފޯމް ބާތިލުކުރި ރިޕޯޓް" ގެ ރައުޔުގައި ފަނޑިޔާރު ހުސައިން މަޒީދުގެ ތާއިދާއެކު ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ މަރްޔަމް ޒުބޭރު، އެމްޑީޕީ އަދި ފައްޔާޒްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައާ ގުޅިގެން އެ މައްސަލައިގެ ޝަރީއަތް މިއަދު ބޭއްވުމަށް ތާވަލުކޮށް "ކޯޓަށް ހާޒިރުވުމުގެ އަމުރު" ފޮނުވާފައިވާނެ ކަމަށެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވީ އެ އަމުރުތަކާއި އެ ފަރާާތްތަކުން ހަވާލުވި ކަމަށެވެ. އޭގެ ފަހުން އެ އަމުރުތަކުގައިވާ ތާރީހާއި ގަޑިއަށް އެ ފަރާތްތަކުން ޕަވާ އޮފް އެޓާނީގެ ދަށުން ހަމަޖައްސާފައިވާ ލޯ ފާމް، ލެކްސަވީ ޗެމްބާސް އެލްއެލްޕީގެ ފަރާތުން އައްޔަންކޮށްފައިވާ ވަކީލުން ކަމުގައިވާ އަހުމަދު މައުރޫފު އަދި ޒުބައިރު މުހައްމަދު އަމުރުތަކުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުވެފައިނުވާ ކަމަށެވެ.

އެހެންވެ ހައިކޯޓުގެ ގަވާއިދުގެ 48 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން މަތިން މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރާކަމަށް މި ގަޒިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އައުލަބިއްޔަތުން ނިންމާ ކަމަށެވެ.

މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ. ރައުޔުގައި ފަނޑިޔާރު ދީބާނާޒް ވިދާޅުވީ މައްސަލައިގެ ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފު ފޯމާއި، އިސްތިއުނާފުކުރާ ފަރާތުގެ ވަގުތީ އަމުރަށް އެދޭ ފޯމު އެންޓްރީ ކޮށްފައިވަނީ މިމަހުގެ ނުވަވަނަ ދުވަހު ކަމަށާއި މައްސަލައިގެ ބެންޗު އެކުލަވާލައިފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށެވެ.

ފަނޑިޔާރު ދީބާނާޒް ވިދާޅުވީ މި މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ ސާޖިދާގެ ފަރާތުން މަދަނީ އިޖުރާއަތުގެ ގާނޫނުގެ 421 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން މިމަހުގެ 17 ވަނަ ދުވަހު އިޖުރާއީ ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނުގެ 287 ވަނަ މާއްދާގެ (ށ) ގައި އެ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާމެދު ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އިސްތިއުނާފުގެ މައްސަލަ ކުރިއަށް ނުގެންގޮސް ފަސްކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށް ފަނޑިޔާރު ދީބާނާޒް ވިދާޅުވިއެވެ.

އެހެންވެ ސާޖިދާގެ ފަރާތުން ހުށަހެޅި ހުށަހެޅުމާމެދު ގޮތެއް ނިންމާފައި ނުވަނިކޮށް، އިސްތިއުނާފު ރައްދުވާ ފަރާތުން މިއަދުގެ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވެފައި ނުވުމުގެ މައްޗަށް ރިއާޔަތްކޮށް، މައްސަލަ ބާތިލު ނުކުރެވޭނެކަމަށް ފަނޑިޔާރު ދީބާނާޒް ވިދާޅުވިއެވެ.

10 ޖުލައި 2025، އައްޑޫ ސިޓީ ފޭދޫ ސިއްހީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، މެޑަމް ސާޖިދާ ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ހައިކޯޓުން މި މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރި ސިވިލް ކޯޓުން އިއްޔެވަނީ އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ހުކުމްކޮށްފައެވެ.

މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް ކުރެއްވި ހުކުމުގައިވަނީ، މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން ދަރިކަލުން އުމައިރުގެ އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގަނެވިގެންދާކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން މަރިޔަމް ޒުބައިރުގެ އަތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯއްދަވަން ދައުވާކުރެއްވޭނެ ކަމަށްވެސް ހުކުމްގައިވެއެވެ.

ނަމަވެސް މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީންނާއި ފައްޔާޒު ޒިންމާވާން ޖެހޭކަން ނުވަތަ ނޫންކަން ނިންމޭނީ މުޅި މައްސަލަ ބަލައިގެން ކަމަށާއި އެ މައްސަލައިގައި މާފަށް އެދެން އެންގުމަކީ ރާއްޖޭގެ ގާނޫނުތަކުން ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫންކަމުން، އާންމުކޮށް މާފަށް އެދެން އަމުރު ކުރެވޭކަށް ނެތް ކަމަށްވެސް ހުކުމްގައިވެއެވެ.

މި މައްސަލައަކީ ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލެއްގެ ސަބަބުން ކަމަށް މަރިޔަމް ޒުބައިރު އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ.

މި ކަމާ ގުޅިގެން މަރިޔަމް ޒުބައިރުގެ އިތުރުން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ މައްޗަށް ސާޖިދާ ވަނީ މަދަނީ ދައުވާކުރައްވައިފައެވެ.

އެ މައްސަލާގައި ސާޖިދާ ކުރައްވާ ދައުވާތަކަށް ޖަވާބު ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާ ރައްދުވާ ފަރާތްތަކުން ޖަވާބު ހުށަހަޅާފައެއް ނުވެއެވެ. އެފަރާތްތަކުން ޖަވާބު ފޮނުވީ، ޖަވާބު ހުށަހަޅަން ދިން މުއްދަތު ހަމަވި ފަހުންނެވެ.

އެހެންކަމުން ސާޖިދާ އެދިވަޑައިގަތީ ގައިރު ހާޒިރުގައި މައްސަލައިގެ ހުކުމްކޮށްދިނުމަށެވެ.

އެކަމާ ގުޅިގެން މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރަށް އުނިކަން އަންނަ ކަމަށް ސާބިތުވާ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ، މައްސަލަ ރައްދުވާ ފަރާތްތަކުގެ ގައިރު ހާޒިރުގައެވެ.

މި މައްސަލައިގައި ތިން ކަމަކަށް ކޯޓުގައި ސާޖިދާ އެދިވަޑައިގެންނެވިއެވެ.

އެއްކަމަކީ ގާނޫނުއަސާސީންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ސާޖިދާގެ ދަރިކަލަށް ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައިދިނުކެވެ.

ދެވަނަ ކަމަކީ ދަރިކަލުންނަށް ލިބިފައިވާ އަދި ލިބޭނެ ކަމަަށް ގަބޫލުކުރެވޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމެވެ.

ތިންވަނަ ކަމަކީ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަށާއި އޭގެ ސަބަބުން ސަބަބުން ނުކުމެވެފައިވާ ނަތީޖާއަށް އާންމުކޮށް މައާފަށް އެދުމަށް ދައުވާ ލިބޭ ފަރާތްތަކަށް ކޯޓުން އެންގުމެވެ.