ނައިޖީރިއާގެ ފޯވަޑް ވިކްޓޯ އޮސީމެންއަށް ނަޕޯލީން ކިޔާފައިވާ އަގު، 65 މިލިއަން ޕައުންޑް ދައްކަން ގަލަޓަސަރާއީން ބޭނުންވަނީ އިންސްޓޯލްމަންޓަށް ބަހާލައިގެން ކަމަށް އިތުބާރު ނޫސްތައް ބުނެފިއެވެ.
މިދިޔަ ސީޒަނުގައިވެސް އޮސީމެން ކުޅެފައި ވަނީ ތުރުކީގެ ގަލަޓަސަރާއީ އަށެވެ. އެއީ ޓްރާންސްފާ މާކެޓް ބަންދުވާން ދަނިކޮށް، އޭނާ ނިންމި ނިންމުމަކާ އެކުގައެވެ. އޭގެ ކުރީ ސީޒަނަށްފަހު އޮސީމެން ގެންދަން ޔޫރަޕްގެ އެތައް ކްލަބަކުން މަސައްކަތް ކުރި ނަމަވެސް، އޮސީމެން ބޭނުންވާ މުސާރަ ދޭން އެއްވެސް ކްލަބަކުން އެއްބަސްވެފައެއް ނުވެއެވެ.
ނަޕޯލީން މިދިޔަ ސީޒަނުގައި އޮސީމެން ފޮނުވާލީ އެ ކްލަބުގެ ދުރު ރާސްތާ ޕްލޭނަށް ބޭނުން ނުވާ ކަމަށް ބުނެއެވެ. ކޯޗު އެންޓޯނިއޯ ކޮންޓޭ މިހާރުވެސް ހުރީ އޮސީމެން ފުރަތަމަ 11 ގައި ބޭނުންކުރާ ގޮތަކަށް ނޫނެވެ.
އެހާލަތުގައި އޮސީމެން ނަޕޯލީއަށް އެނބުރި ދާން ބޭނުން ނުވާ އިރު، ކޮންޓޭ ބުނީ އޮސީމަން ވިއްކާލުމުން ލިބޭ ފައިސާއިން ކްލަބަށް ފައިދާވާނެ ކަމަށެވެ.
އޮސީމެން ނަޕޯލީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން، މިހާރު ސީޒަނަކަށް 21 މިލިއަން ޕައުންޑް ޖެހެއެވެ. އެ އެއްބަސްވުން 2026 ވަނަ އަހަރާ ހަމައަށް ދެމި އޮންނައިރު، މިހާރު ވިއްކައި ނުލެވިއްޖެނަމަ، މި ސީޒަނަށްފަހު ހިލޭ ދޫކޮށްލަން ޖެހިދާނެކަމުގެ ބިރު ނަޕޯލީއަށް އެބައޮތެވެ.
އޮސީމަންގެ އަގަށް ދެ ކްލަބުންވެސް އެއްބަސްވެފައިވާ ކަމަށް ނޫސްތައް ބުނާ އިރު، ނަޕޯލީއަށް އޮތް ހަމައެކަނި މައްސަލައަކީ އިންސްޓޯލްމަންޓްގެ މައްސަލައެވެ.
އެކަމަށް ނަޕޯލީން އެއްބަސް ނުވެ ގިނަ މަޝްވަރާތަކެއް ކޮށްފައިވާ އިރު، ހަބަރުތައް ބުނަނީ މިހާރު އެ ޑީލަށް އާނބަސް ބުނަން ނަޕޯލީން ތައްޔާރުވެފައިވާ ކަމަށެވެ.
މިދިޔަ ސީޒަނުގައި ގަލަޓަސަރާއީން ލީގު ހޯދި އިރު، އޮސީމެން ވަނީ 30 މެޗު ކުޅެފައެވެ. އެ 30 މެޗުގައި އޭނާ 26 ގޯލު ޖެހިއެވެ.
މުޙައްމަދު ޝަމްޢޫން
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް