ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ އެއްގަމު އުޅަނދުތައް ޓޯކުރަން ފަށައިފިއެވެ.

ހުޅުމާލެ ފޭސް އެކެއްގެ ޕޮލިހުން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ވަކިން ހާއްސަކޮށް ކަފިހި ހުރަސް، ޑަބަލް ލައިން، ނުވަތަ ސްމޫތު ޓްރެފިކް ފްލޯއަށް ހުރަސް އެޅޭ ސަރަހައްދުތަކުގައި ޕާކުކުރާ ނަމަ، ޓޯކުރާނެ ކަމަށެވެ.

"ގޯސްކޮށް ނުވަތަ ޓްރެފިކް ގަވައިދާ ހިލާފަށް ޕާކްކުރާ ކޮންމެ އުޅަނދެއް ޓޯ ކުރާނެކަން ހުރިހާ ވެހިކަލްތަކުގެ ވެރިންނަށް ވެސް ހަނދާންކޮށްދެމެވެ. ޒިންމާދާރުކަމާއެކު ޕާކުކޮށް، ޓްރެފިކް ގަވާއިދުތަކަށް ކޮންމެ ވަގުތަކު ވެސް ބޯލަނބާށެވެ." ފުލުހުން ބުންޏެވެ.

އެ ޕޯސްޓުގައި އިތުރަށް ބުނީ އެފަދަ އަމަލުތަކުގެ ސަބަބުން ނުރައްކާތަކާއި އެހެން މީހުންނަށް ދަތިތައް ކުރިމަތިވާ ކަމަށާއި އެންމެންނަށް ވެސް ރައްކާތެރި، އަމާން މަގުތަކަކަށް ހެދުމަށް ކުރާ މަސައްކަތްތަކަށް ފުލުހުންނަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.

20 ޖުލައި 2025: ހުޅުމާލޭގައި ގަވައިދާ ހިލާފަށް ޕާކުކުރާ އެއްގަމު އުޅަނދުތައް ޓޯކުރަނީ --- ފޮޓޯ/ ހުޅުމާލެ ޕޮލިސް

ހުޅުމާލޭގެ އިތުރުން މާލޭގައި ވެސް ވެހިކަލް ޕާކްކުރުން މަނާ މަގުތަކުގައި ޕާކްކުރާ ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދެއެވެ. އޭގެ ތެރޭގައި މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 420 ވެހިކަލް މިދިޔަ މަހު ޓޯކުރިއެވެ.

ފުލުހުން ބުނެފައިވަނީ ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޓޯކުރާ އުޅަނދުތައް ދޫކުރާނީ 48 ގަޑިއިރު ފަހުން ކަމަށެވެ. ޓޯކުރާ ވެހިކަލްތައް ފުލުހުން ދޫކުރަނީ 750 ރުފިޔާގެ ޖޫރިމަނާއާ އެކު، ކުރިން ކޮށްފައި ހުރި ވެހިކަލްގެ އެހެން ޖޫރިމަނާތަކާއި ނުދައްކައި ހުރި އަހަރީ ފީތައް ވެސް ދައްކައި ހަލާސްކުރުމުންނެވެ.