ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ ދޮށީ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ދެއްކި ވާހަކައިން އުމައިރުގެ އަބުރަށް އަރައިގެންފައިވާކަން ސާބިތުވާ ކަމަށާއި، ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު މެޑަމް ސާޖިދާއަށް ލިބިގެންވާކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލެއްގެ ސަބަބުން ކަމަށް މަރިޔަމް ޒުބައިރު އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ.

މި ކަމާ ގުޅިގެން މަރިޔަމް ޒުބައިރުގެ އިތުރުން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ މައްޗަށް ސާޖިދާ ވަނީ މަދަނީ ދައުވާކުރައްވައިފައެވެ.

އެ މައްސަލާގައި ސާޖިދާ ކުރައްވާ ދައުވާތަކަށް ޖަވާބު ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާ ރައްދުވާ ފަރާތްތަކުން ޖަވާބު ހުށަހަޅާފައެއް ނުވެއެވެ. އެފަރާތްތަކުން ޖަވާބު ފޮނުވީ، ޖަވާބު ހުށަހަޅަން ދިން މުއްދަތު ހަމަވި ފަހުންނެވެ.

އެހެންކަމުން ސާޖިދާ އެދިވަޑައިގަތީ ގައިރު ހާޒިރުގައި މައްސަލައިގެ ހުކުމްކޮށްދިނުމަށެވެ.

އެކަމާ ގުޅިގެން މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ އަބުރަށް އުނިކަން އަންނަ ކަމަށް ސާބިތުވާ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ، މައްސަލަ ރައްދުވާ ފަރާތްތަކުގެ ގައިރު ހާޒިރުގައެވެ.

މި މައްސަލައިގައި ތިން ކަމަކަށް ކޯޓުގައި ސާޖިދާ އެދިވަޑައިގެންނެވިއެވެ.

އެއްކަމަކީ ގާނޫނުއަސާސީންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ސާޖިދާގެ ދަރިކަލަށް ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައިދިނުކެވެ.

ދެވަނަ ކަމަކީ ދަރިކަލުންނަށް ލިބިފައިވާ އަދި ލިބޭނެ ކަމަަށް ގަބޫލުކުރެވޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމެވެ.

ތިންވަނަ ކަމަކީ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަށާއި އޭގެ ސަބަބުން ސަބަބުން ނުކުމެވެފައިވާ ނަތީޖާއަށް އާންމުކޮށް މައާފަށް އެދުމަށް ދައުވާ ލިބޭ ފަރާތްތަކަށް ކޯޓުން އެންގުމެވެ.

މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް ކުރެއްވި ހުކުމުގައިވަނީ، މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކުގެ ސަބަބުން ދަރިކަލުން އުމައިރުގެ އަބުރު ރައްކާތެރިވެގެންވުމުގެ ހައްގު ނިގުޅައިގަނެވިގެންދާކަން ސާބިތުވާ ކަމަށެވެ. އެހެންކަމުން މަރިޔަމް ޒުބައިރުގެ އަތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ސާޖިދާއަށް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ހޯއްދަވަން ދައުވާކުރެއްވޭނެ ކަމަށްވެސް ހުކުމްގައިވެއެވެ.

ނަމަވެސް މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީންނާއި ފައްޔާޒު ޒިންމާވާން ޖެހޭކަން ނުވަތަ ނޫންކަން ނިންމޭނީ މުޅި މައްސަލަ ބަލައިގެން ކަމަށާއި އެ މައްސަލައިގައި މާފަށް އެދެން އެންގުމަކީ ރާއްޖޭގެ ގާނޫނުތަކުން ކޯޓުތަކަށް ލިބިގެންވާ ބާރެއް ނޫންކަމުން، އާންމުކޮށް މާފަށް އެދެން އަމުރު ކުރެވޭކަށް ނެތް ކަމަށްވެސް ހުކުމްގައިވެއެވެ.