ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގައި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި އެ ކުރިމަތިލުން ހިނގީ 11:57 ހާއިރު ރޭ ލޮނުޒިޔާރަތްމަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ތަނަކަށް ވައްދައި އެމީހާގެ އެކައުންޓުގައި އިން 200 ރުފިޔާ ފޭރުނު މައްސަލައެއް ރިޕޯޓުކުރުމުން އެކަމަށް ޝައްކުކުރެވޭ މީހުން ތިބި ގެއަށް ފުލުހުން ވަންނަން މަސައްކަތްކުރުމުންނެވެ.

ފުލުހުން ބުނިގޮތުގައި އެމީހުން ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގުމުން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ.

އެ މާރާމާރީގައި ފުލުހަކަށާއި ހައްޔަރުކުރި ދެމީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި އެ އެންމެނަށްވެސް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ދައުރަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ:

  • ލުޖޭން މުހައްމަދު، 23 އަހަރު، ފަރީސާ މަންޒިލް / ނ. ވެލިދޫ
  • މުހައްމަދު ޝަފީއު، 55 އަހަރު، ހ ކަނޑުފިނިގެ / މާލެ

އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ ފުލުހުންނަށް ހަމަލާދީ ވާޖިބު އަދާކުރުމަށް ހުރަސްއެޅި މައްސަލަ އާއި ފޭރުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.