ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، އިއްޔެގެ ކޮޅިގަނޑުގައި ހއ. މުރައިދޫގެ 15 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިއްޖެއެވެ.
މުރައިދޫ ކައުންސިލުގެ ނައިބު ރައީސް އަބްދުލް ކަރީމް އަލީ މިއަދު "ވަން"އަށް ވިދާޅުވީ އެ ރަށުގެ ދެ ގެއެއް އެއްގޮތަކަށްވެސް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ޖުމުލަ 15 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ދެ ގޭގައި ތިބި މީހުން ވަނީ އެމީހުންގެ އާއިލާގެ ގެތަކަށް ވަގުތީގޮތުން ބަދަލުވެފައި. ދެން ގެއްލުން ލިބުން ގެތަކަށް ވާނީ ވަގުތީގޮތުން ހައްލު ގެނެސްދީފައި. ފުރާޅު ހަދައިދީ، ރައްޔިތުން ނުކުމެ ފުރާޅު މަރާމާތުކޮށް، ތިން ހަތަރު ގެއެއް ވާނީ ވަގުތީ މަރާމާތެއް ކޮށްފައި،" ކަރީމް ވިދާޅުވިއެވެ.
ކަރީމް ވިދާޅުވީ އޭގެ އިތުރުން އެ ކޮޅިގަނޑުގެ ސަބަބުން މުރައިދޫ ކައުންސިލުގެ ފުރާޅު އެއްލާލާފައިވުމުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކައުންސިލުގެ މީޓިން ރޫމުގައި ބަހައްޓާފައިވާ 75 އިންޗީގެ ޓީވީއަށާއި އެތަނުގައި ހުރި ދެ ސީޕީޔޫއަކަށާއި ސީލިން އެއްކޮށް ފައިބައި، ސީލިންގައި ހަރުކޮށްފައި ހުރި ލައިޓުތައް އެއްކޮށް ހަލާކުވުމާއި އޭސީވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއްވެސް ޔަގީން ކަމެއް ނެތް އެ އެއްޗެހި ވޯކް ކުރާނެ ކަމަކަށްވެސް. އެ އެއްޗެހިތައް ސަލާމަތްކުރަން ވަން އިރުވެސް ފެންތައް ސީލިންގުން ފައިބާ. ކައުންސިލުގެ އިދާރާގެވެސް އެ ވަގުތު ފުރާޅު އެއްކޮށް މަރާމާތުކޮށް މަސައްކަތްކުރެވޭ ވަރަށް މިހާރު ވާނީ ގެނެސްފައި، ގާތްގަނޑަކަށް 9:00 ވާއިރަށް. އެމްޓީސީސީން އެ ވަގުތު އަޅުގަނޑުމެންނަށް ފަތިދީފައި، އެ ފަތި ދީގެން އެކަންކަން ކޮށްފައިވާނީ،" ކަރީމް ވިދާޅުވިއެވެ.
ކައުންސިލުގެ އިދާރާއަށް ފައިސާގެ އަދަދުން ބަލާ ނަމަ ގެއްލުންވި ސީދާ އަދަދު ބުނަން ދަތި ކަމަށްވެސް ކައުންސިލުގެ ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިވަގުތުވެސް މުރައިދޫގެ ރައްޔިތުންގެ ހާލު ގާތުން ބަލަމުންގެންދާ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ކައުންސިލުން އެހީތެރުވެ ދިނުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
އެކަމާ ގުޅިގެން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ހަވީރު އައި ކޮޅިގަނޑުގައި މުރައިދޫ މީހުން ދިރިއުޅޭ ތިން ގެއަކާއި ކައުންސިލް އިދާރާ ހިންގަމުންދާ އިމާރާތުގެ ފުރާޅު ވަނީ އެއްލާލައިފައި ކަމަށެވެ.
އޭގެ ތެރެއިން ދެ ގެއެއްގެ ފުރާޅު ރަށު ކައުންސިލާއި ރައްޔިތުންނާއި ފުލުހުންނާއި އެމްޓީސީސީގެ އެހީތެރިކަމާއެކު ވަނީ ވަގުތީގޮތުން ހިޔާކޮށް، މީހުންނަށް ރޭ ނިދޭނެ ހާލަތަކަށް ގެނެސްފައި ކަމަށެވެ.
"ކައުންސިލްގައި އިދާރީ މަސައްކަތް ކުރެވޭ ހާލަތަށް ގެނެވުނުހާ އަވަހަކަށް، ގޭގެއަށް ލިބުނު ގެއްލުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ރިޕޯޓުކޮށް، އޮންނަ އުސޫލުގެ ތެރެއިން ސަރުކާރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށް ކައުންސިލުން ވިދާޅުވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
އެފަދަ ހާލަތްތަކުގައި ރައްޔިތުންގެ ފަރާތުން ފެންނަ އިޖުތިމާއީ ބަދަހިކަމާ މެދު ހިތްހަމަޖެހޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފާތިމަތު ލިއުޝާ
ހއ. މުރައިދޫ
ހއ. މުރައިދޫ
ހއ. މުރައިދޫ
ހއ. މުރައިދޫ