ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިދިޔަ ބުދަ ދުވަހު ބުނެފައިވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާތީ މާދަމާއަށް ހަމައަށް މޫސުން ވަރަށް ގޯސްވެ ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

މޫސުމާބެހޭ އިދާރާއިން މިއަދު ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖެ ސަރަޙައްދަށް ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެ ކަމަށާއި މުޅިރާއްޖެއަށް ވިއްސާރަވެ އަދި ވިލާގަނޑުގައި އިތުރަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެެހެންވެ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާ އިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރޭގަނޑު ދަތުރު ނުކުރުމަށާއި މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށާއި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.