ކުރިން ގައުމީ ޓީމަށް އިރުޝާދު ދިން ކޯޗު، މައިކަލް ޕްރޮބިއާޒާ ޖެހުނު މައްސަލައެއްގައި ގައުމީ ޓީމު ދޫކޮށްލި، ކުރީގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ، އަލުން އަނބުރާ ގައުމީ ޓީމާ ގުޅެން ނިންމައިފިއެވެ.
ގައުމީ ޓީމަށް ރެކޯޑު އަދަދަކަށް ގޯލު ޖަހައިދީފައިވާ ލެވަންޑޯސްކީ، ކުރީގެ ކޯޗު ޕްރޮބިއާޒާ މައްސަލަ ޖެހުނީ ކެޕްޓަން ބޭންޑް އަތުލި ހިސާބުންނެވެ. ލެވަންޑޯސްކީ އޭނާ އަތުން ކެޕްޓަން ބޭންޑް އަތުލީ ވަރަށް ހަޑިކޮށް ކަމަށެވެ.
އޭނާ ބުނީ ކެޕްޓަން ބޭންޑް އަތުލިކަން ކޯޗު އެންގީ ކުދިން ނިންދަވަން އޮއްވައި ފޯނު ކޯލަކުން ކަމަށެވެ. އެ ވާހަކަ ކޯޗު ބުނިތާ މާގިނައިރެއް ނުވެ، ހަބަރުތަކުން އެކަން ސާފުވި ކަމަށް ވެސް ލެވަންޑޯސްކީ ބުންޏެވެ.
ލެވަންޑޯސްކީ އަތުން ނަގައި ޕޮލެންޑްގެ ކެޕްޓަންކަން ހަވާލުކުރީ ޕިއޮޓާ ޒިއެލިންސްކީއާއެވެ.
އެކަމާ ގުޅިގެން ލެވަންޑޯސްކީ ބުނީ ކޯޗާ ދޭތެރޭ އިތުބާރު ގެއްލިއްޖެ ކަމަށާއި ހިތްދަތިވެސް ވެއްޖެ ކަމަށެވެ. އަދި ކޯޗު ޕްރޮބިއާޒްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމަށް ކުޅެން ބޭނުން ނުވާ ކަމަށްވެސް ލެވަންޑޯސްކީ ބުންޏެވެ.
ލެވަންޑޯސްކީއާ ޖެހުނު މައްސަލަ އިތުރަށް ހޫނުވުމާއެކު، ފެޑަރޭޝަނުން ވަނީ ޕްރިބިއާޒް މަގާމުން ވަކިކޮށްފައެވެ. ޕްރިބިއާޒް މަގާމުން ދުރުކޮށް، ޕޮލެންޑް ގައުމީ ޓީމު މިހާރު ހަވާލުކޮށްފައި ވަނީ ޔާން އާބަންއާއެވެ.
އާބަން އެންމެ ފުރަތަމަ ޕްރެސްގައިވެސް ބުނީ، ގައުމީ ޓީމާ ހަވާލުވެ ފުރަތަމަ ކުރިކަމަކީ ލެވަންޑޯސްކީ އަނބުރާ ގެނައުމުގެ މަސައްކަތް ކަމަށެވެ. އަދި މަސައްކަތް މިހާރު ކާމިޔާބުވެފައިވާ ކަމަށާއި ކެޕްޓަން ބޭންޑް އަލުން ނުދިން ނަމަވެސް ލެވަންޑޯސްކީ ހުރީ ގައުމީ ޓީމާ ގުޅުމަށް ތައްޔާރަށް ކަމަށްވެސް އާ ކޯޗު ބުންޏެވެ.
ލެވަންޑޯސްކީ، 36، ވަނީ ޕޮލެންޑް ގައުމީ ޓީމަށް 158 މެޗު ކުޅެ، 85 ގޯލު ޖަހައިދީފައެވެ. އާ ކޯޗު އާބަން ބުނީ ލެވަންޑޯސްކީއާ ނުލައި އަދި ގައުމީ ޓީމަށް ކުރިއަށް ދެވެން ނެތް ކަމަށެވެ.
ރޮބާޓް ލެވަންޑޯސްކީ
ރޮބާޓް ލެވަންޑޯސްކީ
ރޮބާޓް ލެވަންޑޯސްކީ
ރޮބާޓް ލެވަންޑޯސްކީ