މ. އަތޮޅުގެ ރަށްތަކަށާއި ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ލާމެހި އެކުވެރި ފުޓްސަލް ޗެލެންޖު 2025 މިމަހު 24 ވަނަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

މިއީ އެކުވެރި ފުޓްސަލް ޗެލެންޖު ބާއްވާ ތިންވަނަ އަހަރެވެ. މިއަހަރު މުބާާރާތުގެ ޓައިޓަލް ސްޕޮންސަރަކީވެސް ލާމެހި ދިއްގަރެވެ. މީގެ ކުރިން ބޭއްވި މުބާރާތްތައްވެސް ތަފާތު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މިއަހަރު ޖުމުލަ ހަ ޓީމަކުން ވާދަކުރާނެއެވެ.

މިފަހަރު މުބާރާތުގައި ވާދަކުރާ ޓީމުތައް:

  • ފޫލްސް އެސްސީ
  • އިފްހާމްސް
  • ޖަމިއްޔަތުލް ކޮވިގޯނި
  • ޑީ ސީ ޖޭ އެސްސީ
  • ދަ ޑީ އެސް ކޭ
  • ކޮމިއެންޒޯ ފުޓްސަލް ކްލަބު
މިދިޔަ އަހަރު މުބާރާތުގެ ކިންގް އައްޒާމް ---

ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖް 2025 އަށްވެސް ޓީމުތަކުން ފުރިހަމައަށް ތައްޔާރުވެފައިވާ އިރު، ރާއްޖޭގެ ނަން މަޝްހޫރު ގިނަ ފުޓްސަލް ކުޅުންތެރިންތަކެއް މުބާރާތުން ފެނިގެން ދާނެއެވެ.

އެކުވެރި ފުޓްސަލް ޗެލެންޖު މި އަހަރުވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، މުބާރާތުގެ މައިގަނޑު މަގުސަދަކީ މ. އަތޮޅުގައި އެކުވެރިކަމުގެ ރޫހެއް އާލާކޮށް، ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން ގާއިމުކުރުމެވެ. އޭގެ އިތުރުން އެ އަތޮޅުގައި ފުޓްސަލް އިތުރަށް ކުރިއަރުވައި، އަތޮޅާއި ގައުމީ ފެންވަރުގެ ކުޅުންތެރިން މ. އަތޮޅުގައި އުފެއްދުމަކީވެސް އެކުވެރި ފުޓްސަލް ޗެލެންޖުގެ އަމާޒެކެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ދަ ޑީ އެސް ކޭއާއި ކޮވިގޯނި ވާދަކޮށް، ތަށި އުފުލައިލީ ކޮވިގޯނިންނެވެ. ފައިނަލް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މިދިޔަ އަހަރު ކިންގަކީ މުހައްމަދު އައްޒާމެވެ.

ލާމެހި ދިއްގަރު އެކުވެރި ފުޓްސަލް ޗެލެންޖް 2025 ގެ ގުރު ނެގުން މިރޭ އޮންނަ އިރު، މިއަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީވެސް "ވަން ސްޕޯޓްސް"އެވެ. މިދިޔަ އަހަރުވެސް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.