މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބެން ޖެހޭ އާމްދަނީގެ ތެރެއިން 2022 ވަނަ އަހަރުގެ ނިޔަލަށް 477 މިލިޔަން ރުފިޔާ ނުލިބިވާ ކަމަށް އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ 2020، 2021 އަދި 2022 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކަސްޓަމްސް މެދުވެރިކޮށް ލިބެން ޖެހޭ އާމްދަނީގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ނުލިބިވާއިރު، އެ އަދަދު ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. އެގޮތުން 2022 ވަނަ އަހަރުގެ ނިޔަލަށް ނުލިބިވާ ފައިސާގެ ޖުމުލަ 477،915،625ރ އަށް އަރައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ނުލިބި ހުރީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބެން ޖެހޭ ފައިސާއެވެ.
އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި އެކަނިވެސް 398.1 މިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ. އަދި ޖޫރިމަނާގެ ގޮތުގައި 77.2 މިލިއަން ރުފިޔާ ނުލިބި ހުރިކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2022 ގެ ނިޔަލަށް ނުލިބިވާ ފައިސާގެ ތެރެއިން 332.6 މިލިއަން ރުފިޔާއަކީ، ނުލިބި ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފައިސާއެވެ.
އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި އެ ފައިސާ ހޯދަން ކަސްޓަމްސްއިން ގާނޫނާއި ގަވައިދުތަކުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް ވަނީ އަޅައިފައެވެ. ނަމަވެސް ފައިސާ ނުލިބި ލަސްވަނީ، ކޯޓުން ހުކުމް ކުރުމަށްފަހުވެސް ހުކުމް ތަންފީޒު ނުވެ ދިގުލައިގެން ދިއުމާއި ޝަރީއަތުން ގޮތެއް ނުނިމި ހުރި މައްސަލަތަކުގެ ސަބަބުން ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ހުކުމް ތަންފީޒުކޮށްފައި ނުވުމުގެ ސަބަބުން ނުލިބިވާ ފައިސާގެ ތަފުސީލު (2014-2019)
- ސަލްޓަންސް އޮފް ދަ ސީސް ޕްރައިވެޓް ލިމިޓެޑް - 110 މިލިއަން ރުފިޔާ
- ސެންޓަ އެންޓަ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑް - 8.3 މިލިއަން ރުފިޔާ
- ޓްރާންސް ފިއުލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް - 1.9 މިލިއަން ރުފިޔާ
- އެހެނިހެން ފަރާތްތައް (އެގާރަ ފަރާތެއް) - 2.1 މިލިއަން ރުފިޔާ
އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2022 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުން ކޮށްފައިވާ ހުކުމްތަކާ ގުޅިގެން ލިބެން ޖެހޭ 36 މިލިއަން ރުފިޔާވެސް ކަސްޓަމްސް އަށް ލިބިފައެއް ނުވެއެވެ. އަދި 2019 ވަނަ އަހަރު އޭޖީ އޮފީހަށް ހުށަހަޅާފައިވާ 1.9 މިލިއަން ރުފިޔާގެ ދެ މައްސަލައެއް ޝަރީއަތަށް ފޮނުވުމާމެދު ގޮތެއް ނިންމައިފައި ނުވުމުން އެ ފައިސާވެސް ވަނީ ނުލިބިއެވެ.
އޮޑިޓް ރިޕޯޓުގައިވަނީ ނުލިބިވާ ފައިސާ ހޯދަން ހަރުދަނާ ފިޔަވަޅުތައް އަޅަން ލަފާ ދީފައެވެ.
އަލީ ޔާމިން
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް