ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑް މިޑްފީލްޑަރު ޖޫޑް ބެލިންހަމް، ކޮނޑުގެ ސާޖަރީއެއް ހަދައިފިއެވެ.
އުމުރުން 22 އަހަރުގެ ބެލިންހަމް ސާޖަރީ ހެނދި ކޮނޑަށް އަނިޔާވެފައި ވަނީ 2023 ވަނަ އަހަރުއެވެ. އެއީ ރަޔޯ ވަލެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގައި ކޮނޑުހުޅުން ނެއްޓުމުން ލިބުނު އަނިޔާއެކެވެ.
އެ އަނިޔާއިން އެއްކޮށް އަރައި ނުގަނެވި، އޭގެފަހުން ބެލިންހަމް ކުޅެފައި ވަނީ ކޮނޑުގައި ގާޑު އަޅައިގެންނެވެ. ރެއާލުން ބުނީ އަނިޔާއިން އެއްކޮށް ރަނގަޅުވުމަށް ބެލިންހަމް ހެދި ސާޖަރީ ކާމިޔާބުކަމަށާއި، އޭނާއަށް ޕްރީ ސީޒަން އެއްކޮށް ގެއްލޭނެ ކަމަށެވެ.
އިތުބާރު ނޫސްތަކުން ބުނެފައިވާ ގޮތުގައި ބެލިންހަމްގެ ރިހިބްލިޓޭޝަނަށް ހަ ހަފުތާ ނަގާނެއެވެ. އެ ދުވަސްތަކުގައި އިންގްލެންޑުން ވޯލްޑް ކަޕު ކޮލިފިކޭޝަންގައި އެންޑޯރާއާއި ސާބިއާއާ ދެކޮޅަށް ކުޅޭ މެޗުތައްވެސް ގެއްލޭނެ އެވެ. އެއީ ސެޕްޓެމްބަރު މަހު ތެރޭގައި އިންގްލެންޑުން ކުޅޭ ދެ މެޗެވެ.
ބެލިންހަމްގެ ސާޖަރީ ފަސްކޮށްލަން ޖެހުނީ ކްލަބު ވޯލްޑް ކަޕުގެ ސަބަބުންނެވެ. ރެއާލުން އެ މުބާރާތުގެ ސެމީ ފައިނަލާ ހަމައިން ކަޓާފައި ވަނީ ފައިނަލުގައި ޗެލްސީ ކައިރިން ބަލިވި ޕީއެސްޖީ އަތުން ބަލިވެގެންނެވެ.
ބެލިންހަމް ރެއާލަށް ބަދަލުވީ ދެ އަހަރު ކުރީން ބްރޫޝިއާ ޑޯޓްމުންޑުންނެވެ. އޭނާ ވަނީ ރެއާލާއެކު ލަ ލީގާގެ އިތުރުން ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.
މުޙައްމަދު ޝަމްޢޫން
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް