ޕީއެންސީ ހިންގަން މިހާރު މެޑަމެއް ނޫޅޭނެ ކަމަށާއި މަސައްކަތް ފަށާނީ މެންބަރުން ހިތްހަމަޖައްސައިދީގެން ޕާޓީގެ ވެރިކަމެއް ކުރާން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ، ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ޝުޖާއު، "މެޑަމް"ގެ ވާހަކަދައްކަވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ނުސީދާގޮތެއްގައި ފާޑުވިދާޅުވަމުންނެވެ.

ޝުޖާއު ވިދާޅުވީ ޕީއެންސީގެ ލީޑަރުން އަތޮޅުތެރެއަށް ވަޑައިގަންނަވަނީ ޕާޓީގެ މެންބަރުން ހިތްހަމަޖައްސައިދީ، މައުލޫމާތު އެއްކުރަން ކަމަށާއި ޕާޓީގެ މެންބަރަކަށް ވަޒީފާ ނުލިބިއްޖެއްޔާ، އޮންނަ އުސޫލުގެ ތެރެއިން އެމީހަކަށް ވަޒީފާ ލިބޭނެ ގޮތަށް "ޕާޓީގެ ވެރިކަން" ކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިއުޅެނީ ޕީއެންސީގެ ވެރިކަމެއް ކުރަން. ދިވެހިރާއްޖޭގައި މިއޮތީ ޕާޓީ ސިސްޓަމް، އަޅުގަނޑުމެންގެ އެއް ޕާޓީ އުވާލައި ކުރިން ރާވާފައި އޮތް ގޮތަށް އަޅުގަނޑުމެން އެއް ޕާޓީއަކަށް ޕާޓީ ބަދަލުކޮށް، ޕާޓީގެ އެތެރޭގެ ހުރިހާ ގުނަވަންތަކެއް ރަނގަޅަށް ގިރިސް ޖަހައި، އިސްކުރުތައް ބާރުކޮށް މި ފަށަނީ ޕާޓީގެ ވެރިކަމެއް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ކޮށްދޭން،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޕާޓީ ވެރިކަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށާއި 2018 ގެ ރިޔާސީ އިންތިހާބުން އޭރު ވެރިކަމުގައި އޮތް ޕީޕީއެމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އޭރު ޕާޓީގެ ވެރިކަމެއް ނުކުރެވުމުން ކަމަށެވެ.

"ދެން އަޅުގަނޑުމެން ފެށީ ރަށްރަށަށް ގޮސް ކީއްވެހޭ އަޅުގަނޑުމެންނަށް ވެރިކަން ވެއްޓުނީ، ބުނީމަ ބުނަނީ މެޑަމްއާ ހެދިއޭ. މިހާރު އިރާދަކުރެއްވިއްޔާ މެޑަމްއެއް ނޫޅޭނެ މި ޕާޓީ ހިންގާކަށް،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ މިހާރު ޕީއެންސީ ހިންގާނީ ޕާޓީގެ ރައީސާއި ޕާޓީގެ ލީޑާޝިޕުން ކަމަށާއި ޕާޓީގެ ވެރިކަމެއް ކުރާ ތަން މެންބަރުންނަށް ފެންނާނެ ކަމަށެވެ.