ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ދަރަނީގެ ޒިންމާ ނަގަންޖެހޭނީ މާ މޮޅު އިކޮނޮމިޓެއްގެ ގޮތުގައި ވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ މައި އެއާޕޯޓު، ވީއައިއޭ ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދީފައި އޮއްވައި އެއްބަސްވުން ބާތިލުކޮށް، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއާޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ދެކޮޅުނުޖެހޭ ކަމެއް ކަމަށެވެ.

"މިއަދު ރާއްޖެ މިދެކޭ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެއާޕޯޓުގެ ނަމުގައި ނެގި ދަރަނިން. މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކު ނިންމި އެންމެ ދޯހަޅި ނިންމުން. އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެހެން ޒަރޫރަތުތައް ފުއްދުމަށް ފައިސާ ހޯދުމަށް އޮތް ފުރުސަތުވެސް ބަންދުވެއްޖެ،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ 2014 ވަނަ އަހަރު، އެގޮތަށް އަމަލު ނުކުރި ނަމަ، އަދި އެ ނެގި ދަރަނިތައް ނުނެގި ނަމަ މިއަދު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ހުންނާނީ ހަތަރު މިލިއަނުން މަތީގައި ކަމަށާއި ރާއްޖޭގެ ޖީޑީޕީ ހުންނާނީ ދެގުނަ މަތީގައި ކަމަށެވެ. އަދި ވެރިޔަކު ސިޔާސީ ބޭނުމެއްގައި ނިންމި އެ ނިންމުމުގެ ސަބަބުން އިގުތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ ތިމަން މަނިކުފާނަކީ މާމޮޅު އިކޮނޮމިސްޓެއް ކަމަށް ދައްކަވައިގެން ރާއްޖެއަށް މި ގެއްލުން ދެއްވި ބޭފުޅާ. މިއީ 'ފްރަންޓޮނޮމިކްސް' ގެ އިގުތިސާދީ ވިސްނުން. އިގުތިސާދަށާއި މުޅި ދައުލަތަށް މި ލިބުނު އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ މި ބޮޑު ގެއްލުމަކީ ކާމިޔާބީއެއްގެ ގޮތުގައި ހަމަ ފާހަގަކުރަންވީތޯއެވެ؟ އަދި މިއަދު އެއާޕޯޓު އެކުގައި ނުނިންމައި އެ އެއާޕޯޓު ހުޅުވުމުގެ ނަމުގައި އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްލާ އިރު، އެ ބޭކާރު ހަރަދަށްވުރެ އެ އެއާޕޯޓު ހަގީގަތުގައިވެސް އެކުގައި ނިންމުން މާ މުހިންމު ނޫންބާވައެވެ؟،" ފައްޔާޒް ވިދާޅުވިއެވެ.

މިހާރުގެ ވީއައިއޭ އަދި އޭރުގެ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމަށް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ހެދި އެއްބަސްވުން ބާތިލުކުރީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. އެ އެއްބަސްވުން އުވައިލުމުގެ ބަދަލެއްގެ ގޮތުން ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދެއްކީ ޔާމީންގެ ވެރިކަމުގައެވެ.