އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް، ހައުސް އޮފް ކޮމަންސްގެ ރައީސް ސާ ލިންޑްޒޭ ހޮޔިލް އެމްޕީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުކުރެއްވުން އޮތީ، ހައުސް އޮފް ކޮމަންސްގެ ރައީސްގެ ރަސްމީ ގެކޮޅު ކަމުގައިވާ، ލަންޑަންގެ ވެސްޓްމިންސްޓާ ޕެލަސްގައި ހުންނަ، ސްޕީކާޒް ހައުސްގައެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިވެފައި އޮތްކަން ފާހަގަކުރައްވައި، ހާއްސަކޮށް ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން، ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ އިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި އެއަށްފަހު، އެމަނިކުފާނު ޕެލަސް އޮފް ވެސްޓްމިންސްޓާ ބައްލަވައިލައްވައިފައެވެ.
އެ ބައްދަލުކުރެއްވުމަކީ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކޮށް، މުހިންމު ދާއިރާތަކުން ގުޅުން ގާއިމުކުރުމަށް ދެގައުމުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަން ކަށަވަރުކޮށްދޭ ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފާތިމަތު ލިއުޝާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު