ސިޔާސީ މަގާމުތަކުގައި ތިބީ 922 މުވައްޒަފުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ވެސް ގޮވާލާފައިވާ އިރު، މިއީ މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދުތައް ހާމަކުރި ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން މިރޭ ބުނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ސިޔާސީ މަގާމުތަކަށް މިހާރު އައްޔަންކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމުލަ އަދަދަކީ، 922 ކަމަށެވެ.
ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ ގިންތިތަކާއި އަދަދުތައް:
- ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
- ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
- ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
- ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
- ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
- ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
- ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 8 ބޭފުޅުން
- ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
- ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 4 ބޭފުޅުން
- އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 4 ބޭފުޅުން
- އެހެނިހެން ސިޔާސީ މަގާމުތަކުގައި 49 ބޭފުޅުން
ރައީސް އޮފީހުން ބުނީ ސިޔާސީ މަގާމުތަކަށް ޢައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިއުފާދެއްވުމާއި، އަދި އަލަށް ބޭފުޅުން ޢައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގަހިނގާ ހުންނަ ކަމަކަށްވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެ ކަމަށެވެ.
މިދިޔަ މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ސަރުކާރުން އައްޔަންކޮށްފައިވާ ސިޔާސީ މަގާމުތަކަށް މަހެއްގެ މައްޗަށް ހަރަދުވަނީ 32 މިލިއަން ރުފިޔާ ކަމަށާއި އެއީ މުސާރަދިނުމަށް ހަރަދުކުރާ ޖުމުލަ އަދަދުގެ ތިން ޕަސަންޓު ކަމަށެވެ. އަދި މުޅި ދައުލަތުގައި މަސައްކަތްކުރާ 49000 މީހުންނަށް މުސާރަދިނުމަށް މަހަކަށް ހަރަދުވަނީ 997 މިލިއަން ރުފިޔާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"މަހަކު ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ މުސާރަދޭން ހަރަދުވަނީ. އޭގެ ތެރެއިން ސަރުކާރުން އައްޔަންކުރި މީހުންނަށް ހަރަދުވަނީ 32 މިލިއަން ރުފިޔާ. އެއް ބިލިއަންގެ ތެރެއިން 32 މިލިއަން ރުފިޔާއަކީ ގާތްގަނޑަކަށް ތިން ޕަސަންޓު. ފިނޭންސް މިނިސްޓްރީން މުސާރަދިނުމަށް ހަރަދުކުރާ މީހުން ތިން ޕަސަންޓު،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ 2129 ވައުދެއް ފުއްދުމަށްޓަކައި، 2100 ވަރަކަށް މަޝްރޫއު ހިންގަން މި ނިޒާމުގެ ތެރޭގައި ކަންކަން ބަލަހައްޓައިދީ، ހިންގައިދޭނެ މީހުންތަކެއް އައްޔަންކުރަން ޖެހޭ ކަމަށާއި އައްޔަންކުރައްވަނީ ޓީމް ލީޑުކޮށްދީ ކަންކަން ބަލާނެ މީހުން ކަމަށެވެ. އަދި ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އެޕްރައިސަލް ހަދަން ވެސް ފަށާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ނަތީޖާ ނެރުމަށްޓަކައި ވޯކް ފޯސްއެއް މި ގެންނަނީ ނަތީޖާ ނެރުމަށް އެހީތެރިކަން ދިނުމަށްޓަކައި، ލީޑުކޮށްދިނުމަށްޓަކައި. މިހާރު އަޅުގަނޑުމެން ވާނީ އުސޫލެއް ވެސް ކަނޑައަޅާފައި، އެޕްރައިސަލް އުސޫލެއް ވެސް ޕޮލިޓިކަލް މަގާމުތަކުގައި ތިބި މީހުންނަށް،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް އިތުރަށް ވިދާޅުވެފައިވަނީ ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އެޕްރައިސަލް، ތިންމަހުން ތިންމަހުން ބަލައި، ފަރުވާ ކުޑަކުރާ މީހުން ވަކިކޮށް ނުވަތަ ފިޔަވަޅު އެޅޭނެ ރަސްމީ އުސޫލެއް މިހާރު އޮންނާނެ ކަމަށާއި މިއީ ރާއްޖޭގައި އަލަށް ތައާރަފުކުރި އުސޫލެއް ކަމަށެވެ.
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް