އދ. މާމިގިލިން ފީނަން ގޮސް އުޅުނު 15 އަހަރުގެ ކުއްޖާ މަރުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މާމިގިލި ކައިރިން ފީނަން ގޮސް އުޅުނު ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ ރޭ 7:00 ހާއިރު އެެވެ.

އޭގެ ފަހުން ފުލުހުން ބުނީ މާމިގިލިން ގެއްލިގެން ހޯދަމުންގެންދިޔަ 15 އަހަރުގެ ފިރިހެން ކުއްޖާ ފެނިފައިވާ ކަމަށާއި އެ ކުއްޖާ ފެނިފައިވަނީ މާމިގިލި ބޭރު މޫދުން ކަމަށެވެ. އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ، ހިތާމަވެރި، ނުތަނަވަސް އިހުސާސްތަކެއް ކުރުވި ހިތްދަތި ހަބަރެއް ކަމަށެވެ.

"މާމިގިލީގައި ރޭ ހިނގި މި ހިތާމަވެރި ހާދިސާގައި ނިޔާވި ލޫތު ބިން އަހުމަދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މާތްﷲ މިންވަރު ކުރައްވާށި. އެ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން." ރައީސްގެ ތައުޒިޔާގެ މެސުޖުގައި ވިދާޅުވިއެވެ.