ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް، ރެއާލް މެޑްރިޑް ދޫކޮށް، އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އޭސީ މިލާނަށް ސޮއިކޮށްފިއެވެ.

އުމުރުން 39 އަހަރުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މޮޑްރިޗް، މިދިޔަ ސީޒަނަށްފަހު ރެއާލް މެޑްރިޑް ދޫކޮށްލާނެ ކަމަށް ކުރިންވެސް ވަނީ އިއުލާނުކޮށްފިއެވެ. އޭނާ ރެއާލް ދޫކޮށްލަނީ 13 އަހަރު ދުވަހަށްފަހުއެވެ.

މޮޑްރިޗަކީ 2018 ވަނަ އަހަރު ބެލޮންޑިއޯވެސް ހޯދި ތަޖުރިބާކާރު ކުޅުންތެރިއެކެވެ. މިލާނަށް އަލަށް ގެންދިޔަ ކޯޗު، މަސިމިލިއާނޯ އަލެގްރީ ބުނި މޮޑްރިޗް މިލާނާ ގުޅުމަކީ ކްލަބަށް ލިބުނު ބޮޑު ޝަރަފެއް ކަމަށާއި، އެއީ މުހިއްމު ކުޅުންތެރިޔަކަށް ވާނެ ކަމަށެވެ.

މިލާނަށް ސޮއިކޮށް މޮޑްރިޗް ބުނީ، ކެރިއަރުގެ މުޅިން އާ ޗެޕްޓާއަކަށް މަރުހަބާ ކިޔަން ތައްޔާރަށް ހުރި ކަމަށާއި، މިލާނަށް ކުޅެން ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

މޮޑްރިޗް މިލާނުގައި ލާނީ 14 ނަމްބަރު ޖާޒީއެވެ. އެއީ އޭނާ ކުރިން ޓޮޓެންހަމްގައި ބޭނުންކުރި ނަމްބަރެވެ. އެ ނަމްބަރު މޮޑްރިޗް ބޭނުން ކުރަނީ މިލާނަށް ކުރިން ކުޅުނު 14 ނަމްބަރު ޖާޒީގެ ޔޯހަން ކްރައިފްގެ ހަނދާނުގައެވެ

މޮޑްރިޗް ބުނީ ނަމްބަރު ނެގީ އެހެން ވިސްނައިގެން ނޫން ކަމަށާއި، 10 ނަމްބަރު ލިބެން ނެތް ކަމަށެވެ. އެހެން ނަމަވެސް، މިހާ ހިސާބުން ފެށިގެން ކްރައިފްގެ ހަނދާނަށް 14 ނަމްބަރު ލާން ވިސްނާފައިވާ ކަމަށްވެސް މޮޑްރިޗް ބުންޏެވެ.

ކްރޮއޭޝިއާއަށް 188 މެޗު ކުޅެފައިވާ އިރު، މޮޑްރިޗް ވަނީ 2018 ވަނަ އަހަރު ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ. އޭނާއާއެކު އެގައުމުން ވަނީ ވޯލްޑް ކަޕުގެ ފައިނަލުގައިވެސް ކުޅެފައެވެ.