ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށް އަރާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވިޔަފާރިވެރީންނަށް ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށާއި ނަމަވެސް މޯލްޑިވްސް މަނިޓަރީ (އޮތޯރިޓީ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު އުޅުއްވަނީ "ފިއްލަވައިގެން" ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުން ނުރުހުން ފާޅުކުރައްވައިފިއެވެ.

ރާއްޖޭގައި އިންޓަލެކްޗުއަލް ޕްރޮޕަޓީގެ އޮފީހެއް ގާއިމުކުރުމަށް މަޖިލީހަށް މިއަދު ހުށަހެޅި ބިލަށް ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫޒް ޒާކިރު ވިދާޅުވީ ޑޮލަރުގެ އަގު އިންތިހާއަށް މަތިވެ މާލީ ހާލަތު ދަށްވަމުންދާ މި ދަނޑިވަޅުގައި ގަވަރުނަރުގެ އެއްވެސް އެއްޗެއް ވިދާޅު ނުވާ ކަމަށެވެ.

"މި ފެންނަނީ މާލީ ސިޔާސަތު ގޯސްވެ އެމްއެމްއޭގެ ގަވަރުނަރުގެ އިތުބާރުނެތްކަމުގެ ވޯޓު ނަގައި އެ ބޭފުޅާ މަގާމުން ވަކިކުރަން ޖެހޭ ހާލަތަށް ދާތަން. މިއަދުގެ ފިސްކަލް ޕޮލިސީއާ ގުޅިގެން ގައުމުގެ މާލީ ހާލަތު މިހާ ހިސާބަށް ދާއިރު ބަހެއް ވިދާޅު ނުވެ އެ ހުންނަވަނީ. ކިހިނަކުންތޯ ޒިންމާ އަދާކުރެވޭނީ؟،" މައުރޫފް ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- (ފޮޓޯ/މަޖިލިސް)

އޭނާވަނީ މުނައްވަރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރަ ންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ޑޮލަރުގެ އަގު މިހާބޮޑަށް މައްޗަށް އަރައިގެން ހިނގައިދާނެ ކަމަށް ހީކުރެވެފައި ނެތްކަމަށެވެ.

"ޑޮލަރުގެ އަގު އަޅުގަނޑުމެން ހީނުކުރާ ހިސާބަށް މައްޗަށް އަރައިފި. ހުވަފެނަކުން ވެސް ނުދެކޭ މިންވަރަށް މައްޗަށް އަރައިފި. އަދިވެސް ދަނީ މައްޗަށް،"

ރިސޯޓުގައި މަސައްކަތްތެރިންނަށް ޑޮލަރުން ދިން ސާވިސް ޗާޖު ރުފިޔާއިން ދޭން ފެށުމަކީ އެ މަސައްކަތްތެރީންނަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުލިބިގެން އެ ކުންފުނިތައްވެސް ގޮތްހުސްވާ ހިސާބަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދުވެސް ވަނީ ހަމަ އެ މޭރުމުން މިއަދު ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ މަނިޓަރީ ސިޔާސަތު ހިންގައި ރެގިއުލޭޓް ކުރުމުގެ އެންމެ އިސް ފަރާތަކީ އެމްއެމްއޭގެ ގަވަރުނަރަށް ވާއިރު، ޑޮލަރުގެ އަގު އުފުލެމުންދާއިރު އެކަން ހައްލުކުރަން އެކަމުގައި ގަވަރުނަރުގެ އިސްނެންގެވުމެއް އަދި ހަރަކާތްތެރިކަމެއް ނުފެންނަ ކަމަށެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- (ފޮޓޯ/މަޖިލިސް)

"ހާއްސަކޮށް މި ޑޮލަރުގެ މައްސަލާގައި އެމްއެމްއޭގެ ގަވަރުނަރު ސައިލެންޓް ކަމަށް ގަބޫލުކުރަނީ. އެމަނިކުފާނަކީ ގާނޫނުގެ ތެރެއިން މަނިޓަރީ ޕޮލިސީ، މަނިޓަރީ ސިޔާސަތު ކަނޑައަޅައި އެ ސިޔާސަތު ރެގިއުލޭޓް ކުރަން ހުންނަ ފަރާތް." ޝަމްހީދު ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސްވެސް ވަނީ އެމްއެމްއޭގެ ގަވަރުނަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އޭނާގެ އިސްތިއުފާއަށް ގޮވާލައްވައިފަ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސ ްމަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -- (ފޮޓޯ/މަޖިލިސް)

"މިއަދު 20 ރުފިޔާއަށް ޑޮލަރުގެ ރޭޓު މައްޗަށް އަރައިގެން މި ދަނީ. އަޅުގަނޑުމެންގެ އެމްއެމްއޭގެ ގަވަރުނަރު އެބަ ހުންނެވި ބަހެއްވެސް ވިދާޅު ނުވެ. ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 20 އަށް އެރީމަ އިންފްލޭޝަން ރޭޓު މައްޗަށް މިދަނީ. ކަރަންޓު ބިލު ދުވަހެއް ދުވަހަކަށް ބޮޑުވަނީ، ފެން ބިލު ދުވަހެއް ދުވަހަކަށް ބޮޑުވަނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެގެން މިދަނީ،" އައްބާސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަންކަން ރަނގަޅުކުރަން އެމްއެމްއޭއަށް ގަވަރުނަރެއް އައްޔަނު ކުރީ، އެބޭފުޅާއަށް ކުރެވުނު އެއްވެސް ކަމެއް ނެތް އިގުތިސޯދު ކޮޅަށް ޖަހާކަށް. ހަމަ އެ ހުންނަނީ މަންމަނެއްހެން އަނގައިން ނުބުނެ، ކަމަކު ނުދާނެ، އެކަން ނުކުރެވެންޏާ އެމްއެމްއޭ ގަވަރުނަރު އިސްތިއުފާ ދެއްވާ،" ވަރަށް ބޮޑަށް ނުރުހުންވެވަޑައިގެން މުހައްމަދު އައްބާސް ވިދާޅުވި އެވެ.