އައިޖީއެމްއެޗްއަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ މިއަދު ހެނދުނު 10:10 ހާއިރު އެމަޖެންސީކޮށް އައިޖީއެމްއެޗްއަށް ޑޮކްޓަރަށް ދައްކަން ގެންދިޔަ މީހަކު ހޮސްޕިޓަލުގައި މަރުވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މަރުވެފައިވަނީ މއ. ސައިނޯސާ، މުހައްމަދު ރަޝީދު (43އ) އެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ގޭގެ ކޮޓަރި ތެރޭގައި ވެއްޓިފައި އޮއްވައި ފެނިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މުހައްމަދު ރަޝީދުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަ ނެތް ކަމަށާއި އެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.