މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަލަށް އިންތިހާބުވި ހިންގާ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށްވެސް، ކުރިން އެމަގާމުގައި ހުރި ތަމޫހު އަހުމަދު ސައީދު (ތަމޫ) އައްޔަނުކޮށްފިއެވެ.

އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި އެންމެފަހުން ނިމިދިޔަ ދައުރުގައިވެސް ހުންނެވި ތަމޫ، މިފަހަރު އެ މަގާމަށް އައްޔަނު ކޮށްފައި ވަނީ 2025 އިން 2029 ވަނަ އަހަރާ ހަމައަށެވެ. ތަމޫގެ އިތުރުން ފައިނޭންޝަލް ޑިރެކްޓަރަކަށްވެސް ކުރިން އެ މަގާމުގައި ހުންނެވި އިބްރާހީމް އަޒޫރު އަލުން ހަމަޖައްސަވާފައި ވެއެވެ.

އަޒޫރަކީ އެންމެފަހުން ނިމިދިޔަ ދައުރުގެ މެދުތެރެއިން މަގާމާ ހަވާލުވެލެއްވި ބޭފުޅެކެވެ. އަޒޫރު އެމަގާމާ ހަވާލުވެވަޑައިގެންނެވީ، ކުރީން އެ މަގާމުގައި ހުންނެވި ހުސައިން ރަޝީދު މަގާމުން ދުރަށް ވަޑައިގަތުމުންނެވެ.

އެމްއޯސީ މިދައުރުގެ ރައީސަކީވެސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) އެވެ. ޗަމްޕިގެ ޓީމު އެކްސްކޯއަށް އިންތިހާބުވީ މިދިޔަ މަހު ދެވަނަ ދުވަހު، ބޭއްވި އިންތިހާބުގައެވެ.

ތަމޫ ވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވައިފައެވެ. އެއީ 2009 އިން 2011 ވަނަ އަހަރުގެ ނިޔަލަށެެވެ. އޭގެ ފަހުން އޭނާ މައިގަނޑުކޮށް ފެނިގެންދަނީ އޮލިމްޕިކް ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އިސް ފަރާތެއްގެ ހައިސިއްޔަތުންނެވެ.

ތަމޫއަކީ އެމްއޯސީގެ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރެއްވުމުގައި މުހިއްމު ރޯލެއް އަދާކުރައްވާ ސްޕޯޓްސް އެޑްމިނިސްޓްރޭޝަނަށް ފަރިތަ ބޭފުޅެކެވެ. ރާއްޖޭގެ އެކިއެކި ކޮންޓިޖެންޓްތަކުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައިވެސް ތަމޫގެ ދައުރު ފެނިގެންދާ އިރު، އެފަދަ ގިނަ ކަންކަމުގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް ތަމޫ އަބަދުވެސް ބުރަ މަސައްކަތްތައް ކުރައްވައެވެ.