ޗެލްސީއާއި ޕީއެސްޖީ ވާދަކުރި ކްލަބު ވޯލްޑް ކަޕުގެ ފައިނަލް މެޗަށްފަހު ކަންތައް ހިނގާ ގޮތުން ހިތާމަކުރާ ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރިކޭ ބުނެފިއެވެ.

އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޗެލްސީން ޕީއެސްޖީ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެމެޗު ވެގެންދިޔައީ މި ފަހުގެ ތާރީހެއްގައި ޕީއެސްޖީއާ ކުރިމަތިވި އެންމެ މާޔޫސީ މެޗަށެވެ. މެޗު ތެރެއިންވެސް ޕީއެސްޖީ ކުޅުންތެރީންގެ ފަރާތުން ނުތަނަވަސްކަން ފެނިގެން ގޮސްފައިވާ އިރު، ފަހު ކަށިގަނޑާއެކުވެސް ހަމަނުޖެހުން ހިންގާފައިވެއެވެ.

މެޗު ނިމުނު ގަޑީ، ޕީއެސްޖީގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާއާއި ޗެލްސީގެ ޖޮއާއޯ ޕެޑްރޯއާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރިތަންވެސް ފެނިގެން ގޮސްފައިވާ އިރު، އެ ދަނޑިވަޅުގައި ޕީއެސްޖީ ކޯޗު އެންރިކޭ ވަނީ ޖޮއާއޯ ޕެޑްރޯގެ ގަޔަށް އައްލައި، ހަމަ ނުޖެހުމަކަށް ގޮސްފައެވެ.

"މެޗު ނިމުނު ގަޑީގައި ވީކަންތައް އެއީ އެންމެން ވެގެން ހައްލު ކުރެވެން ޖެހޭ ކަމެއް،" އެންރިކޭ ޕްރެސްގައި ބުންޏެވެ.

"އަހަރެން ބެލީ ކުޅުންތެރިން ހިމާޔަތް ކުރެވޭތޯ. އަހަރެން އަބަދުވެސް ބަލަނީ ކުޅުންތެރިންގެ ލޯބި ހޯދޭތޯ. އަހަރެމެންގެ ޓީމު ތެރޭގައިވެސް ޓެންޝަން އޮތް. ޕްރެޝަރުވެސް އޮތް. އެހެންވެ އެ މަންޒަރުތައް ފެނިގެން އެ ދިޔައީ،" އެންރިކޭ ބުންޏެވެ.

އެންރިކޭ ބުނީ ނިމުނު ގަޑީގައި ހިނގި ކަންތައްތައް އެއީ ކޮށްގެން ވާނެ ކަމެއް ނޫންކަން ގަބޫލުކުރާ ކަމަށާއި، އެކަމުގައި އަމަލުކުރެވުނު ގޮތާމެދު އަމިއްލައަށް ހިތާމަވެސް ކުރާ ކަމަށެވެ.

އެންރިކޭ ބުނީ ރޭގެ މެޗުން ބަލިވުމަކީ ފުޓުބޯޅައިގެ އުސޫލު ކަމަށާއި، މެޗު ޗެލްސީން ފެށީ އާދަޔާ ހިލާފަށް ރަނގަޅަށް ކަމަށެވެ.