މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ޔޫސުފް އަލްސަން މުހައްމަދު މަރުވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އަލްސަންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރޭގެ އެކްސިޑެންޓުގައި މަރުވި އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅެވެ.

ރައީސް އެކްސްގައި މިއަދުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލްސަން ނިޔާވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށެވެ.

"މަރުހޫމް ޔޫސުފް އަލްސަން މުހައްމަދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާކުރަން. އެ މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ދަންނަވަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެ އެކްސިޑެންޓުގައި އަނިޔާވި އިތުރު ދެ މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އުމުރުން 17 އަހަރުގެ ކުއްޖާ ވަނީ މަރުވެފައި ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ 17 އަހަރުގެ ކުއްޖާއަކީ އަލްސަން އެވެ.

އަލްސަންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަސުރު ނަމާދަށް ފަހުގައެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ސައިކަލުގެ ފަހަތުގައި ހުރީ 16 އަހަރުގެ ކުއްޖާކަމަށާއި ކަފިހިހުރަސްމަތީން މަގު ހުރަސްކުރި 40 އަހަރުގެ މީހަކަށް އަނިޔާވުމުގެ ސަބަބުން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ އަނިޔާވި 40 އަހަރުގެ މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ. އަދި 16 އަހަރުގެ ކުއްޖާ ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ އެކްސިޑެންޓު ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ތިން މީހުން ވެސް އައިޖީއެމްއެޗަށް ފަރުވާއަށް ގެންގޮސްފައިވާ އިރު، ދުވާ ޓްރެކް ސަރަހައްދުން ފެށިގެން ކާނިވާ ސަރަހައްދާ ހިސާބަށް ފުލުހުން ވަނީ މަގު ބަންދުކޮށްފައެވެ. "ވަން"ގެ ނޫސްވެރީން އެކްސިޑެންޓު ހިނގި ސަރަހައްދަށް ރޭ ދިޔައިރު، އެ މުޅި ސަރަހައްދުގައި އޮތީ ލެޔެވެ.

ފުލުހުން ރޭ ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެތާ ކައިރިން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓުވި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.