ރެޔަކީ މުޅި މާލެއަށް ބޮޑު ސިހުމެއް ގެނުވި ރެޔެކެވެ. އެތައް ބަޔަކަށް ހިތްދަތިކަމާއި ސިހުން ގެނުވި ރެޔެކެވެ. މާފަންނު ބަސް ޓާމިނަލް ކައިރިން ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އެތާ ކައިރިން ދަތުރުކުރި ޕަކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއްވިއެވެ.
އެ އެކްސިޑެންޓުގައި އަނިޔާވީ 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖަކާއި 40 އަހަރުގެ މީހަކަށެވެ. އޭގެ ތެރެއިން 40 އަހަރުގެ މީހާއަކީ މަގު ހުރަސްކުރަން އުޅުނު މީހާއެވެ. މަގު ހުރަސްކުރަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލުން ސަލާމަތްވުމަށް އޭނާއަށް ވެސް ދުއްވައިގެނެވުނީ، އެ ސައިކަލާ ދިމާއަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ އާއި 17 އަހަރުގެ ކުއްޖާއަކީ ސައިކަލުގައި ތިބި ދެ ކުދީންނެވެ. ނަމަވެސް އޭގެ ތެރެއިން ސައިކަލު ދުއްވަން އިނީ ކާކުކަމެއް ކަށަވަރުވެފައެއް ނުވެއެވެ.
އެ އެކްސިޑެންޓު ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ތިން މީހުން ވެސް އައިޖީއެމްއެޗަށް ފަރުވާއަށް ގެންގޮސްފައިވާ އިރު، ދުވާ ޓްރެކް ސަރަހައްދުން ފެށިގެން ކާނިވާ ސަރަހައްދާ ހިސާބަށް ފުލުހުން ވަނީ މަގު ބަންދުކޮށްފައެވެ. "ވަން"ގެ ނޫސްވެރީން އެކްސިޑެންޓު ހިނގި ސަރަހައްދަށް ދިޔައިރު، އެ މުޅި ސަރަހައްދުގައި އޮތީ ލެޔެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދޭންފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، 17 އަހަރުގެ ކުއްޖާ ވަނީ މަރުވެފައެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު، ޔޫސުފް އަލްސަން މުހައްމަދެވެ.
'ވަން'އަށް ކަށަވަރުވެފައިވާ ގޮތުގައި 16 އަހަރުގެ ކުއްޖާއަކީ އަލްސަންގެ އެކުވެރިއެކެވެ. ސައިކަލު ކަހާލައިގެން ގޮސް ޕިކަޕުގެ ދަށުވުމުން އަލްސަންގެ ބޯ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯވެސް ވނީ ލިބިފައެވެ.
އަލްސަން އަކީ ތޭރަވާ އާއި އަޝްފާގެ "ފުރާނަ"
އަލްސަން އަކީ ތޭރަވާ އާއި އަޝްފާގެ ހަމައެކަނި ދަރިފުޅެވެ. އަލްސަން އަކީ ތޭރަވާ އާއި އަޝްފާގެ ދިރިއުޅުމާއި "ފުރާނަ"ކަން އެމީހުންގެ ސޯޝަލް މީޑިއާއިން ސާފުކޮށް އެނގެއެވެ. ސެލެބްރިޓީންގެ ގޮތުގައި ވެސް ތޭރަވާ އާއި އަޝްފާގެ ސޯޝަލް މީޑިއާގައި އަލްސަންއަށް އޮތް ލޯބި ދައްކައިދެއެވެ.
ތޭރަވާ އާއި އަޝްފާގެ ސޯޝަލް މީޑިއާގައި ދަރިފުޅާއެކު ދެ މީހުން ނަގާފައިވާ ފޮޓޯތައް ގިނައެވެ. އެކިއެކި ދުވަސްތައް ފާހަގަކުރަމުން ދަރިފުޅަށް އޮންނަ ލޯބި އެމީހުން ހާމަކޮށްދެމުންދެއެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު، އިންސްޓަގްރާމް މެދުވެރިކޮށް އަލްސަންއަށް 17 ވަނަ އުފަންދުވަހުގެ ތަހުނިޔާ ފޮނުވުމަށް ވެސް ދެ މީހުންގެ ފޮޓޯއަކާއެކު ހާއްސަ މެސެޖެއް ވަނީ ޕޯސްޓުކޮށްފައެވެ.
އަޝްފާގެ އެ ޕޯސްޓުގައި ބުނެފައިވަނީ، އަލްސަންއަކީ މުޅި އުމުރުދުވަހު ލިބުނު އެންމެ ބޮޑު ނަސީބު ކަމަށާއި ހިތުގެ ވިންދާ ގުޅިފައިވަނީ އޭނާގެ ދަރިފުޅު ކަމަށެވެ. އަދި އުމުރުން ކިތަންމެ ބޮޑުވިކަމުގައިވިޔަސް، މަންމަ އަބަދުވެސް ކައިރީގައި ހުންނާނެ ކަމަށް އަޝްފާގެ މެސެޖުގައި ބުނެފައިވެއެވެ.
އަޝްފާގެ އިއްޔެގެ އިންސްޓަގްރާމް ސްޓޯރީން ވެސް ގިނަ ބަޔަކަށް އަސަރުތަކެއް ކުރުވިއެވެ. އެކްސިޑެންޓުގެ 8 ގަޑިއެއްހާއިރު ކުރީން އަޝްފާގެ އިންސްޓަގްރާމު ސްޓޯރީގައި ވަނީ، "ވަގުތު އައިސް ޖެހުމުން، އެއްވެސް މަޝްވަރާއެއް ނެތި މަރުގެ މަލާއިކަތާ މަރު ގެންދަވާނެ" ކަމަށްބުނާ ވީޑިއޯ އެކެވެ.
"މަގޭ ދަރިފުޅު، ހެޔޮނުވާނެ"
އަލްސަން އެކްސިޑެންޓުވި ހަބަރު ލިބުމާއެކު، ތޭރަވާ އާއި އަޝްފާ ވެސް ވަނީ ހޮސްޕިޓަލަށް ގޮސްފައެވެ. އަދި އައިޖީއެމްއެޗްގެ އީއާރްގެ ތެރެއިން އަލްސަންގެ މޫނު ދެއްކުމާއެކު، ދެމީހުންގެ މޫނުމަތިން ވެސް ފެނިގެންދިޔައީ އިންތިހާ ދަރަޖައިގެ ހިތާމައާއި ހިތްދަތިކަމެވެ. ހާއްސަކޮށް އަޝްފާއަށް އެތައް އަސަރެއް ކުރުވިތަން އެ ވަގުތު އެ ސަރަހައްދުގައި ތިބި "ވަން"ގެ ނޫސްވެރީންނަށް ފެނުނެވެ.
އަޝްފާގެ ރުއިމުގެ އަޑާއެކު، ބުނި ބަސްތައް ވެގެންދިޔައީ އީއާރްގައި ތިބި އެންމެނަށް ވެސް ފުން އަސަރެއް ކުރުވި ބަސްތަކަކަށެވެ. "މަގޭ ދަރިފުޅު، ހެޔޮނުވާނެ" އަޝްފާއަށް ރޮމުން ބާރަށް ބުނެވުނީ މިހެންނެވެ.
ތޭރަވާވެސް ހުރީ ރޮވިފައެވެ. އެހެންނަމަވެސް، އަމިއްލަ އިހުސާސްތައް ކޮންޓްރޯލުކުރެވޭތޯ މަސައްކަތް ކުރަމުން، ތޭރަވާ މަސައްކަތްކުރަމުން ދިޔަތަން ފެނުނީ އަޝްފާ ކޮންޓްރޯލުކުރެވޭތޯއެވެ. ދެ މީހުންގެ މޫނުމަތީން ވެސް ފެންނަމުންދިޔައީ އެމީހުންގެ "ދުނިޔެ" ވަކިވެގެން ދިޔަ ކަމުގެ އިހުސާސެވެ.
އާއިލާގެ މެންބަރުންނާއި ރައްޓެހީންނާއެކު އެތައް ބަޔަކު ގިނައިރުތަކެއް ވާންދެން މާޔޫސްކަމާއެކު އައިޖީއެމްއެޗްގައި ތިއްބެވެ. އަލްސަންގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު އާސަހަރާގައެވެ. މި ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އާއިލާގެ އެދުމެކެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާގެ ބޮލަށް އަނިޔާއެއް އަދި "އިންޓާނަލް ބްލީޑިން"އެއް ނެތް ނަމަވެސް، އޭނާގެ މޫނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަނިޔާވި 16 އަހަރުގެ ކުއްޖާގެ އަނިޔާގެ ތަފްސީލު އަދި އެނގިފައެއް ނުވެއެވެ.
ސޯޝަލް މީޑިއާއިން ފެންނަނީ ހިތާމައިގެ ޕޯސްޓުތަކެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމެކެވެ.
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
މަގުމަތީގެ އެކްސިޑެންޓް
ހުޅުމާލެ އާސަހަރާ ޠޯ
މޫޞަ - 11 މަސް ކުރިން