އިނގިރޭސިވިލާތުގައި ކުރިއަށްދާ ވިމްބަލްޑަން ޓެނިސް ގްރޭންޑް ސްލޭމް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން ދުނިޔޭގެ އެއް ނަމްބަރު ޓެނިސް ކުޅުންތެރިޔާ، އިޓަލީގެ ޔެނިކް ސިނާ ހޯދައިފިއެވެ.

އަލްކަރާޒާއި ސިނާއަކީ މިވަގުތު އެންމެ ވާދަވެރި ދެ ކުޅުންތެރިންނެވެ. އަލްކަރާޒް ދެވަނައިގައި ސީޑް ކޮށްފައިވާ އިރު، ސަސްޕެންޝަނަކާއެކުވެސް ސިނާ އަދިވެސް އޮތީ އެއްވަނައިގައެވެ. މަނާ ބޭހުގެ މައްސަލައެއްގައި ސިނާއަށް ޓެނިހާ ދުރުގައި ދުވަސްތަކެއް ހުންނަން ޖެހުނު ނަމަވެސް، އެނބުރި އައިސް އަނެއްކާވެސް މިވަނީ ފޯމު ދަމަހައްޓައިފައެވެ.

ސިނާއަށް މިއީ ފުރަތަމަ ވިމްބަލްޑަން ފައިނަލެވެ. އެންމެފަހުން ސިނާ ކުޅުނު ފްރެންޗް އޯޕަން ފައިނަލުގައިވެސް އަލްކަރާޒާ ވާދަކޮށްފައިވާ އިރު، އެ އާދަޔާހިލާފު މެޗުގައި ސިނާ ބަލިވީ ހަނި ފަރަގަކުންނެވެ. ސިނާއަށް ވަނީ އެ ފައިނަލުގައި ތިން ޗެމްޕިއަންޝިޕް ޕޮއިންޓް ގެއްލިފައެވެ.

އެކަމަށް ބަދަލު ހިފައި، ސިނާ މިރޭ މެޗު ކާމިޔާބުކުރީ ފަހަތުން އަރައެވެ. ފުރަތަމަ ސެޓު އަލްކަރާޒް ކާމިޔާބުކުރީ 6-4 ގެ ނަތީޖާއަކުންނެވެ. އެ ސެޓު އަލްކަރާޒް ކާމިޔާބުކުރި ނަމަވެސް، އުމުރުން 23 އަހަރުގެ ސިނާ ދެން ފެނުނީ މާ ތަފާތު ކޮށެވެ.

އޭނާ ދެން ކުޅުނު ސެޓުތައް ގެންދިޔައީ 6-4، 6-4 އަދި 6-4 އިންނެވެ.

މިއީ ސިނާގެ ކެރިއަރުގެ ހަތަރުވަނަ ގްރޭންޑް ސްލޭމް ތަށްޓެވެ. އަދި މިއީ ގްރާސް ކޯޓެއްގައި އޭނާ ހޯދި ފުރަތަމަ ކާމިޔާބީވެސް މެއެވެ. ސިނާ ބަލިކުރި އަލްކަރާޒަކީ މިދިޔަ ދެ އަހަރުވެސް ވިންބަލްޑަން ޗެމްޕިއަނެވެ.