އިނގިރޭސިވިލާތުގައި ކުރިއަށްދާ ވިމްބަލްޑަން ޓެނިސް ގްރޭންޑް ސްލޭމް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލަށް އެންމެފަހުން ދެ އަހަރުގެ ޗެމްޕިއަން ކާލޮސް އަލްކަރާޒާއި، ދުނިޔޭގެ އެއްވަނަ ޔެނިކް ސިނާ ދަތުރުކޮށްފިއެވެ.
އަލްކަރާޒާއި ސިނާއަކީ މިވަގުތު އެންމެ ވާދަވެރި ދެ ކުޅުންތެރިންނެވެ. އަލްކަރާޒް ދެވަނައިގައި ސީޑް ކޮށްފައިވާ އިރު، ސަސްޕެންޝަނަކާއެކުވެސް ސިނާ އަދިވެސް އޮތީ އެއްވަނައިގައެވެ. މަނާ ބޭހުގެ މައްސަލައެއްގައި ސިނާއަށް ޓެނިހާ ދުރުގައި ދުވަސްތަކެއް ހުންނަން ޖެހުނު ނަމަވެސް، އެނބުރި އައިސް އަނެއްކާވެސް އަންނަނީ ފޯމު ދަމަހައްޓަމުންނެވެ.
ސިނާ މިފަހަރު ފައިނަލް ޔަގީންކުރީ އުމުރުން 38 އަހަރުގެ ނޯވަކް ޖޮކޮވިޗް، 6-3، 6-3 އަދި 6-4 އިން ބަލިކޮށްފައެވެ.
ސިނާއަށް މިއީ ފުރަތަމަ ވިމްބަލްޑަން ފައިނަލެވެ. އެންމެފަހުން ސިނާ ކުޅުނު ފްރެންޗް އޯޕަން ފައިނަލުގައިވެސް އަލްކަރާޒާ ވާދަކޮށްފައިވާ އިރު، އެ އާދަޔާހިލާފު މެޗުގައި ސިނާ ބަލިވީ ހަނި ފަރަގަކުންނެވެ. ސިނާއަށް ވަނީ އެ ފައިނަލުގައި ތިން ޗެމްޕިއަންޝިޕް ޕޮއިންޓް ގެއްލިފައެވެ.
އަލްކަރާޒް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވިމްބަލްޑަން ކާމިޔާބުކުރަން ނުކުންނަ އިރު، ސެމީގައި އެމެރިކާގެ ޓެއިލާ ފްރިޓްޒް ބަލިކުރީ 3-1 ސެޓުންނެވެ.
ފުރަތަމަ ސެޓު، 6-4 އިން އަލްކަރާޒް ގެންދިޔަ ނަމަވެސް، ދެން ޖެހިގެން އައި ސެޓު، ފްރިޓްޒް ވަނީ 7-5 އިން ގެންގޮސްފައެވެ. ތިންވަނަ ސެޓު އަލްކަރާޒް ވަނީ 3-6 އިން ގެންގޮސްފައެވެ. އަދި ފަހު ސެޓު ޓައި ބްރޭކަށް ގޮސްގެން ގެންދިޔައީ 7(8) - 6(6) އިންނެވެ.
ވިމްބަލްޑަންގެ ފިރިހެން ފައިނަލް އޮންނާނީ މާދަމާއެވެ.
މުޙައްމަދު ޝަމްޢޫން
ވިމްބަލްޑަން-ޓެނިސް
ވިމްބަލްޑަން-ޓެނިސް
ވިމްބަލްޑަން-ޓެނިސް
ވިމްބަލްޑަން-ޓެނިސް