އިންޑިއާގެ ސުޕްރީމް ކޯޓުން އަންގާފައިވާ އެންގުމަކާ ގުޅިގެން އިންޑިއާގެ އެންމެ ވަރުގަދަ ފުޓުބޯޅަ ލީގު، އިންޑިއަން ސުޕަ ލީގު ހުއްޓުމަކަށް އައިސްފައިވާ ކަމަށް އޯލް އިންޑިއާ ފުޓުބޯލް ފެޑަރޭޝަން (އޭއައިއެފްއެފް) އިން ބުނެފިއެވެ.
އިންޑިއަން ސުޕަ ލީގު ހުއްޓުމަކަށް އައިސްފައި ވަނީ ލީގުގެ މެއިން ސްޕޮންސާ، ރިލަޔަންސްގެ ފުޓްބޯލް ސްޕޯޓްސް ޑެވަލޮޕްމެންޓް ލިމިޓެޑް (އެފްއެސްޑީއެލް) އާއެކު ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުން އާނުކުރެވިގެންނެވެ.
އެފްއެސްޑީއެލްއާއެކު އިންޑިއަން ސުޕަ ލީގުން ފުރަތަމަ އެއްބަސްވުމެއް ހެދީ 2010 ވަނަ އަހަރުއެވެ. އެ އެއްބަސްވުން މިދިޔަ ސީޒަނުގެ ނިޔަލަށް ހަމަވެފައިވާ އިރު، އައިއޭއެފްއެފްއިން އެފްއެސްޑީއެލްއާއެކު އެއްބަސްވުން އާކުރަން މަސައްކަތް ކުރުމުން އެކަން ހުއްޓުވީ ސުޕްރީމް ކޯޓުންނެވެ.
"އައިއޭއެފްއެފްގެ ލީގަލް ކައުންސިލުން، ސުޕްރީމް ކޯޓުން އޭޕްރީލް 26 ވަނަ ދުވަހު ބޭއްވި އަޑުއެހުމާއެކު އަންގާފައި ވަނީ އިންޑިއަން ސުޕަ ލީގުގެ މާސްޓާ ރައިޓްސް އެގްރިމެންޓް އާ ނުކުރުމަށް. އެއީ އެ ކުންފުނީގެ ބައެއް ކަންތައްތައް ފާހަގަވެގެން،" އޭއައިއެފްއެފްއިން ބުންޏެވެ.
އޭއައިއެފްއެފްއިން އެފްއެސްޑީއެލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ ޑިސެމްބަރަށް ނަމަވެސް، ކުރިއަށް އޮތް ސީޒަނުގެ ކުރިން އެ އެއްބަސްްވުން އާކުރަން ޖެހެއެވެ.
އޭއައިއެފްއެފްއިން ބުނީ ސްޓޭކްހޯލްޑަރުންނާއެކު މިހާރުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، ލީގަށް ހައްލެއް ހޯދޭނެ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ