އ. މާޅޮހުގައި އަނިޔާވެރިކޮށް، އެ ރަށު އޯކިޑްމާގޭ އަބްދުއްރަހުމާނު އާދަމް 65އ މަރާލައިފައި އޮއްވައި ފެނުނުއިރު އެ ގޭގައި ދިރިއުޅެމުން އަންނަނީ އޭނާގެ ދެމަފިރީން އެކަނިކަން އެނގިއްޖެއެވެ.
އަބްދުއްރަހުމާނަށް ހަމަލާ ދީފައިވަނީ އޭނާ ނިދާފައި އޮއްވައެވެ. ހަމަލާ ދީފައިވަނީ ބޮލަށް ކަން އެނގިފައިވެއެވެ.
މާޅޮހުން "ވަން" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، އެ ހަމަލާގައި އަބްދުއްރަހުމާނުގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އެގޮތުން އޭނާ އޮތް އެނދުމައްޗަށް ގިނަ އަދަދެއްގެ ލޭ ފައިބާފައި ހުރިއިރު، ސިކުނޑީގެ ބައެއްވެސް ހާމައަށް ފެންނާން އޮތް ކަމަށްވެއެވެ. އަދި ފެނުނުއިރުވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތްކަމަށް އޭނާ ބުންޏެވެ.
"ޒަހަމްތައް ހުރި ގޮތުން ތޫނު އެއްޗަކުން ކަމަކަށް ނުބެލެވޭ، ވަރަށް ގިނަ ލޭ ހުރުމުން ސީދާ ޒަހަމްތަކުގެ އަދަދު ސާފެއް ނުވޭ، އެކަމަކު ހަމަ ވަރަށް ގިނައިން އެ ސަރަހައްދުގަ ލޭ ހުރި،" މާޅޮހުގެ މީހަކު "ވަން" އަށް ކިޔައިދިނެވެ.
އެނގިފައިވާ ގޮތުގައި އަބްދުއްރަހުމާނު މަރުވީ މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މެންދަމުން އަލިވެފައިވަނިކޮށެވެ. ނަމަވެސް ފުލުހުން ބުނި ގޮތުގައި އޭނާ މަރުވީ، ފަތިހުގެ ވަގުތެއްގައެވެ. އޭނާއަށް ޒަހަމްތަކެއް ވެފައި އޮއްވައި ފެނުނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
"ވަން" އަށް މައުލޫމާތު ލިބުނު ގޮތުގައި، އަބްދުއްރަހުމާނު ސިއްހީ މަރުކަޒަށް ގެންދިޔައީ، އޭނާއާ އެއް ގެެއެއްގައި ދިރުއުޅޭ ދުވަސްވީ އަނބިމީހާއާ އިތުރު ބަޔަކު ވެގެންނެވެ. އަދި އެ ހާދިސާ ހިނގި ރޭ، އެ ދެ މީހުން ނިދީ ދެ ކޮޓަރިއެއްގައި ކަން އެނގިފައިވެއެވެ. ނަމަވެސް އެއީ އަރައިރުންވުމެއް ވެގެންކަމެއް ނުވަތަ އެކަމުގެ ސީދާ ސަބަބެއް ސާފެއް ނޫނެވެ.
ފުލުހުންގެ ހާއްސަ ޓީމެއް މިހާރު މާޅޮހުގައި ހަރަކާތްތެރިވަމުން އަންނައިރު، އެ ރަށުން ހުއްދަ ނެތި އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.
އަލީ ޔާމިން
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު