ޖަޕާނުން އިންޓަނެޓް ސްޕީޑްގައި ދުނިޔޭގެ ރެކޯޑެއް ހަދައިފިއެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ (އެންއައިސީޓީ) އިން 1.02 ޕެޓާބިޓްސް ޕަރ ސެކަންޑް (Pbps) ގެ އިންޓަނެޓް ސްޕީޑެއް ހޯދާފައިވާއިރު، މިއީ ނެޓްފްލިކްސްގެ ހުރިހާ ޑާޓާއެއް ނުވަތަ އިނގިރޭސި ވިކިޕީޑިއާ އެއް ސިކުންތުން ޑައުންލޯޑް ކުރެވޭ ވަރުގެ ބާރު ސްޕީޑެކެވެ.

ޓެކްނޮލޮޖީ ހަބަރުތައް ބުނާ ގޮތުގައި މި ސްޕީޑަކީ މިހާރު ގިނަ ގައުމުތަކުގައި ހުރި އިންޓަނެޓް ސްޕީޑަށްވުރެ އެތައް ގުނައެއް ބާރު ސްޕީޑެކެވެ. މިސާލަކަށް، އިންޑިއާގެ އެވްރެޖް ސްޕީޑަށްވުރެ 16 މިލިއަން ގުނަ ބާރެވެ. އަދި އެމެރިކާގެ ސްޕީޑަށްވުރެ ގާތްގަނޑަކަށް 3.5 މިލިއަން ގުނަ ބާރެވެ.

https://www.instagram.com/reel/DJ1eAZazruH/?utm_source=ig_web_copy_link

އެންއައިސީޓީ އިން ބުނި ގޮތުގައި، މިހާރު ބޭނުންކުރާ ނިޒާމުތަކުގެ ތެރެއިން ދުރު ރާސްތާއަށް ބާރު ސްޕީޑުގެ އިންޓަނެޓް ދެވޭނެކަން ދައްކުވައިދިނުމަކީ މި މަސައްކަތުގެ ބޭނުމެވެ. މި މަސައްކަތުގައި ސުމިޓޮމޯ އިލެކްޓްރިކް އާއި ޔޫރަޕުގެ ދިރާސާކުރާ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މިކަމަށް ބޭނުންކުރެވުނީ 19 ކޯގެ ހާއްސަ އޮޕްޓިކަލް ފައިބަރ ކޭބަލެކެވެ.

ޓެސްޓް ކުރިއަށް ދިޔައިރު، 86.1 ކިލޯމީޓަރުގެ 19 ކޭބަލް ލޫޕް، 21 ފަހަރު ތަކުރާރުކޮށް، ޖުމުލަ 1,808 ކިލޯމީޓަރުގެ ދުރުމިނަށް ޑޭޓާ ފޮނުވައިފިއެވެ. މި ނިޒާމުން އެއްފަހަރާ 180 ޑޭޓާ ސްޓްރީމް ބޭނުންކޮށް، ރެކޯޑު 1.86 އެކްސާބިޓްސް ޕަރ ސެކަންޑް ޕަރ ކިލޯމީޓަރަށް ޑޭޓާ ޓްރާންސްފަރ ކޮށްފައިވެއެވެ. ސުމިޓޮމޯ އިލެކްޓްރިކް އިން ފައިބަރ އޮޕްޓިކް ކޭބަލް ތަރައްގީކުރިއިރު، NICT އިން ޓްރާންސްމިޝަން ސިސްޓަމް އުފެއްދިއެވެ.

މި ސްޕީޑްގެ ސަބަބުން މުޅި އިނގިރޭސި ވިކިޕީޑިއާ (ގާތްގަނޑަކަށް 100 GB) އެއް ސިކުންތުން 10,000 ފަހަރު ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހައި-ރެޒޮލިއުޝަން 8K ވީޑިއޯތައް ވަގުތުން ޑައުންލޯޑް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެންއައިސީޓީ އިން ބުނި ގޮތުގައި، މި އާދަޔާހިލާފު ބާރު ސްޕީޑް މިހާރުގެ ކޭބަލް ނިޒާމު ބަދަލު ނުކޮށް ވެސް ލިބިގަނެވޭނެ އެވެ. މިއީ ޑޭޓާ ގިނައިން ބޭނުންކުރާ އެޕްލިކޭޝަންތައް (ސްޓްރީމިން، ކްލައުޑް ކޮމްޕިއުޓިން، އާޓިފިޝަލް އިންޓެލިޖެންސް) އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.

އެންއައިސީޓީ އިން މި އިންޓަނެޓްގެ ސްޕީޑް އާންމުންނަށް ބޭނުންކުރަން ފެށޭނެ ވަކި ދުވަހެއް އަދި ބުނެފައި ނުވި ނަމަވެސް، މި ރެކޯޑަކީ އޮޕްޓިކަލް ފައިބަރ ޓެކްނޮލޮޖީގައި ހޯދެނު މުހިންމު ކުރިއެރުމެއްކަން ހަބަރުތަކުން ފާހަގަކޮށްފައިވެއެވެ.