އެމެރިކާގެ ހޫނު ގަދަކަމުން ބޯ އަނބުރާ ގޮތް ދިމާވާ ކަމަށާއި ކުޅުންތެރިންނަށް ނުރައްކާ ވާވަރަށް ހޫނު ގަދަ ކަމަށް ޗެލްސީގެ އާޖެންޓީނާ ފޯވަޑް، އެންޒޯ ފެނާންޑޭޒް ބުނެފިއެވެ.
ޖުމުލަ 32 ޓީމާއެކު މުޅިން އާ ފޯމެޓަކަށް މިފަހަރުގެ ކްލަބު ވޯލްޑް ކަޕު ވަކި ގައުމެއްގައި ބާއްވަމުންދާ އިރު، މުބާރާތް މަހެއްހާ ދުވަހަށް ދެމިގެން ދެއެވެ. ފައިނަލަށް ތައްޔާރުވެފައިވާ އިރު، އެމެރިކާގެ އެކިއެކި ކަންތައްތަކަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.
އޭގެ ތެރެއިން އެއް ކަމަކީ އެމެރިކާގެ ގަދަ ހޫނެވެ. އެ ހޫނުން ކުޅުންތެރިން ސަލާމަތްކުރުމަށް މާބޮޑަށް އިންތިޒާމުކުރާ ގައުމުން ވިސްނާފައި ނުވާ އިރު، އާއްމުކޮށް ފިނިހޫނުމިން އުޅެނީ 35 ޑިގްރީ ޝެލްސިއަސް ގައެވެ. 54 ޕަސެންޓް ހިއުމިޑިޓީއާ އެކު މޫސުމާ ބެހޭ އިދާރާތަކުން ވަނީ ހޫނަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައެވެ.
ހޫނުގެ ސަބަބުން މެޗުތައް ބާއްވާ ގަޑިތައްވެސް އުނދަގޫކޮށް އޮތް އިރު، އެކަމަށް ހޭނެން ވެސް ޓީމުތަކަށް ވަނީ އުނދަގޫވެފައެވެ.
"އުންމީދުކުރަނީ ވޯލްޑް ކަޕަށް ޝެޑިއުލަށް ބަދަލުތަކެއް ގެންނާނެ ކަމަށް. އޭރުން ފުޓުބޯޅައިގެ އަސްލު ހިތްގައިމުކަން ފެންނާނެ. ހަގީގަތަށް ބުނަންޏާ ހޫނު ގަދަކަމުން ބޯ އަނބުރާ ގޮތް ދިމާވޭ. މި ހޫނުގައި ކުޅުމަކީ ނުރައްކަލެއް. ވަރަށް ބޮޑު ނުރައްކަލެއް،" އެންޒޯ ފެނާންޑޭޒް ބުންޏެވެ.
އެމެރިކާގެ އިންތިޒާމުތަކަށް ކުޅުންތެރިން ވަރަށް ބޮޑަށް ފާޑު ކިޔާފައިވީ ނަމަވެސް، އެވާހަކަތައް މާ ބޮޑަށް މީޑިއާތަކަކުން އަދި ނުފެނެއެވެ. އެމެރިކާއާ ގުޅޭ ގޮތުން މާ ބޮޑެތި ފާޑުކިޔުންތަކެއް ބޮޑެތި މީޑިއާތަކުން ނުފެނުނު ނަމަވެސް، ފުޓުބޯޅަ ސަޕޯޓަރުން ބުނަނީ އެގައުމަކީ ބޮޑެތި ފުޓުބޯޅަ މުބާރާތްތައް ބާއްވަން އެކަށޭނެ ގައުމެއް ނޫން ކަމަށެވެ.
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް
ފީފާ ކްލަބު ވޯލްޑް ކަޕް